
ޗައިނާއިން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދީފި
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފިނަމަ ވަރުގަދައަށް ރައްދުދޭނެކަމުގެ އިންޒާރު ޗައިނާއިން ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެދާނެ އެވެ. ޗައިނާގެ ކުންފުނިތަކަށް އަމާޒުކޮށް ފިޔަވަޅުތައް ފުޅާކޮށްފިނަމަ އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ޗައިނާއިން ވަނީ އަންގާރަ ދުވަހު އިންޒާރުދީފަ އެވެ.
މި އިންޒާރު ދީފައިވަނީ އީރާނު އިތުރަށް އެކަހެރިކޮށް، ތެހެރާނާއެކު ވިޔަފާރިކުރާ ޤައުމުތައް ޑޮލަރުގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ޚަޒާނާއާބެހޭ ސެކެޓްރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު ޢިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
ޗައިނާގެ ވިޔަފާރިތަކަށް ދުވަސްވީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށްފިނަމަ އެކަމާ ދެކޮޅު ހަދާނެކަމަށާއި، ޗައިނާގެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ”އެންމެހައި ޒަރޫރީ ފިޔަވަޅުތައް“ އަޅާނެ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އެމެރިކާގެ އެންމެ ފަހުގެ ދަތިކުރުމުގެ ޕެކޭޖުގައި މައިގަނޑުގޮތެއްގައި ޗައިނާއާއި ހޮންގކޮންގެގެ ފަރާތްތައް ހިމެނޭގޮތަށް 60 ފަރުދުންނާއި، ކުންފުނިތަކާއި އަދި އުޅަނދުތަކެއް ވަނީ ބްލެކް ލިސްޓުކޮށްފަ އެވެ.
ނަމަވެސް، އީރާނުގެ ތެޔޮ ވިއްކުމުގެ ވިޔަފާރިއަށް އެހީތެރިވެދޭކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ބޮޑެތި ބޭންކުތަކާ ހަމައަށް މި ފިޔަވަޅުތައް ފޯރާފައެއް ނުވެ އެވެ.
ހޯމަ ދުވަހު ޗައިނާގެ މާލީ އިދާރާތަކާ ބެހޭގޮތުން ސުވާލުކުރުމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް އިތުރު ފިޔަވަޅުތައް އަޅާނީ ކޮން ޤައުމަކަށް ނުވަތަ އިދާރާއަކަށް ކަމެއް އަދި ކޮންއިރަކު ކަމެއް އޭނާ ފާހަގައެއް ނުކުރެ އެވެ.
ޗައިނާގެ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފާނެ ކަމުގެ ބިރު އޮތީ، ވޭތުވެދިޔަ އަހަރުތަކުގައި އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ޤައުމަކީ ޗައިނާ ކަމަށްވާތީ އެވެ.
އީރާނުން ބޭރުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ގަންނަނީ ޗައިނާއިންނެވެ. މީގެ ގިނަ ބައެއް ގަނެފައިވަނީ ”ޓީޕޮޓްސް“ ގެ ނަމުން ނަންދީފައިވާ ކުދި އަދި މިނިވަން ރިފައިނަރީތައް މެދުވެރިކޮށެވެ.



