ތުރުކީ، ސައޫދީ އަރަބިއްޔާ އަދި ޕާކިސްތާނުން މި މަހުގެ ކުރީކޮޅު ސޮއިކުރި ދިފާއީ އެއްބަސްވުމުގައި ބަންގްލަދޭޝް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ހުމާޔޫން ކަބީރު ހޯމަ ދުވަހު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ”މައްކާ އެއްބަސްވުން“ ނުވަތަ ”މައްކާ ޕެކްޓް“ ގެ ނަމުން މަޝްހޫރުވެފައިވާ މި އިއްތިހާދުގައި ބައިވެރިވުމަށް އެ ޤައުމަށް ވަނީ ދަޢުވަތު ލިބިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް އެ ދަޢުވަތު ދިނީ ކޮން ފަރާތަކުން ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ނަން ހާމަނުކުރާ މަސްދަރަކާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިއްތިހާދުގައި ބައިވެރިވުމަށް ބަންގްލަދޭޝްއަށް ދަޢުވަތު ދިނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ.

”މެދުއިރުމަތީގެ އިސްލާމީ ޤައުމުތަކުގެ މެދުގައި ސަލާމަތީ އިންތިޒާމެއް އޮތް ނަމަ، އެކަމުގައި ބައިވެރިވުމާ މެދު އަޅުގަނޑުމެން ވިސްނުމަކީ އާދަޔާ ޚިލާފު ކަމެއް ނޫން. އަދި އެކަމާ މެދު ދެކެނީ ފައްސިކޮށް،“ ކަބީރު ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި ބުނާ ގޮތުން، އެއްބަސްވުމުގައި ބައިވެރިވާ ތިން ޤައުމުން ކުރެ ޤައުމަކަށް ހަތިޔާރު އެޅި ޙަމަލާއެއް ދީފި ނަމަ، އެއީ ތިން ޤައުމަށް ދިން ޙަމަލާއެއްގެ ގޮތުގައި ބަލާނެ އެވެ. މިއީ ނޭޓޯ ފަދަ ބޮޑެތި އަސްކަރީ އިއްތިހާދުތަކުން ގެންގުޅޭ ގުޅިފައިވާ ދިފާޢީ ސިޔާސަތާ އެއްގޮތް އުސޫލެކެވެ.

ބަންގްލަދޭޝް އަކީ ޢާންމުގޮތެއްގައި ބޮޑެތި ޖިއޯޕޮލިޓިކަލް މައްސަލަތަކުގެ ތެރެއަށް ނުވަދެ އޮންނަ ޤައުމަކަށް ވީއިރު، އަދި އެ ޤައުމަކީ ނިއުކްލިއަރ ހަތިޔާރު ހުރި ދެ ވާދަވެރިން ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ޖެހިގެން އޮތް ޤައުމަކަށް ވާތީ، މިފަދަ އިއްތިހާދެއްގައި ބައިވެރިވުމަކީ ސަރަހައްދީ މަސްރަހުގައި އެ ޤައުމުގެ މަޤާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެކެވެ.

އިސްރާއީލާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއިން، ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު އުފެދޭ ސަލާމަތީ އިއްތިހާދެއް ފެންނާނީ އެ ޤައުމަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ.

މައްކާ އެއްބަސްވުމުގައި ހިމެނޭ ތިން ޤައުމުން ވެސް ބުނަމުންދަނީ މިއީ ހަމައެކަނި ދިފާޢީ އެއްބަސްވުމެއް ކަމަށާއި، މިއީ ވަކި ޤައުމަކަށް އަމާޒުކޮށްފައިވާ އިއްތިހާދެއް ނޫން ކަމަށެވެ.

ނަމަވެސް، ގިނަ ދިރާސާވެރިން ބުނާ ގޮތުގައި އަންކާރާ، ރިޔާދު އަދި އިސްލާމްއާބާދުގެ މިއިއްތިހާދުގެ އަމާޒަކީ ތެހެރާނެވެ. މި ތިން ޤައުމަކީ ވެސް ސުންނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކެކެވެ.

ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާ ދެމެދު އޮތް ގުޅުން ފިނި ނަމަވެސް، ތުރުކީ އާއި ޕާކިސްތާނުން އީރާނާ އެކު އޮންނަ ގުޅުން ނިސްބަތުން ރަނގަޅެވެ.

އީރާނުގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ އާއި އިސްރާއީލުން ކުރި ހަނގުރާމައާ ގުޅިގެން އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، އެމެރިކާ އާއި އީރާނާ ދެމެދު އުފެދުނު ދިގުދެމިގެންދާ ހަމަނުޖެހުންތަކުގައި މީޑިއޭޓަރެއް ނުވަތަ މެދުވެރިއެއްގެ ދައުރު ޕާކިސްތާނުން ވަނީ އަދާކޮށްފަ އެވެ.

އަނެއްކޮޅުން، ސަޢޫދީ ޢަރަބިއްޔާއަކީ އެޤައުމުގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ޤައުމެކެވެ.

މި ހަމަނުޖެހުންތައް ދިގުލައިގެން ދިއުމާ އެކު، ސަޢޫދީ ޢަރަބިއްޔާ އާއި ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީންގެ ސަރުކާރާ ދެމެދު އޮތް ދެކޮޅުވެރިކަން ވަނީ އަނެއްކާވެސް އިތުރުވެފަ އެވެ.

ތުރުކީގެ އޮފިޝަލުން ފުރަތަމަ ރޭވީ ތިން ޤައުމުގެ މެދުގައި އެކުލަވާލާ އެއްބަސްވުމެއްގެ ގޮތުގައި ނަމަވެސް، މި ނިޒާމުގައި ހިމެނުމަށް އެންމެ އެކަށީގެންވާ ޤައުމަކީ މިސްރު ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ވަރުގަދަ އަސްކަރިއްޔާއެއް އޮތް މިސްރުން ވަނީ ގާޒާ ހަނގުރާމަ ހުއްޓުވުމަށް ކުރާ މަޝްވަރާތަކުން ފެށިގެން އެފްރިކާގެ މައްސަލަތަކާ ހަމައަށް ތުރުކީ، ޤަޠަރު އަދި ސަޢޫދީ ޢަރަބިއްޔާއާ އެކު އެއްގަލަކަށް އަރާފަ އެވެ.

މި މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ ތުރުކީގެ މަސްދަރަކުން ބުނި ގޮތުގައި، މި އެއްބަސްވުމުގައި މިސްރު ހިމެނުމަށް ތުރުކީން ވަރަށް ބޮޑަށް މަސައްކަތްކޮށް، ރަސްމީކޮށް އެކަމަށް ހުށަހެޅި އެވެ.

ނަމަވެސް، މި އިއްތިހާދުގައި ބައިވެރިވު މަށް ޤާހިރާ ތައްޔާރު ނޫންކަން ސާފުވުމުން، އެހެން ޤައުމުތަކުން ނިންމީ މިސްރު ނުލައި ކުރިއަށް ދިއުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.