
ރާއްޖެ ސުޕަ ލީގު: 2 މެޗް ބާކީ އޮއްވައި ސެމީގައި ވާދަކުރާނެ ޓީމުތައް ކަށަވަރު ވެއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮއްގެން، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިހާރު ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު 2 މެޗްގެ ނަތީޖާއާއެކު، މި މުބާރާތުގެ ސެމީ ފައިނަލުގައި ވާދަ ކުރާނެ ހަތަރު ޓީމު މިވަނީ ޔަގީން ވެފަ އެވެ.
އިއްޔެގެ މެޗްތަކަށް ނިކުތުމުގެ ކުރިން ވެސް ބ.ގޮއިދޫ އަދި ލ. ފޮނަދޫ އިން ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮއްފަ އެވެ.
3 ޓީމު ހިމެނޭ ގުރޫޕް ބީގައި ކުޅުނު 2 މެޗް ވެސް ކާމިޔާބުކޮށް ބ.ގޮއިދޫ ގުރޫޕުގެ އެއްވަނަ އާއެކު ސެމީގެ ޖާގަ ކަށަވަރު ކޮއްފައި ވާއިރު، ލ.ފޮނަދޫ ވެސް ކުޅުނު 2 މެޗް ކާމިޔާބުކޮށް ސެމީގެ ޖާގަ އޮތީ ޔަގީން ކޮއްފަ އެވެ.
ގޮއިދޫ އަތުން ބަލިވި ތ.ހިރިލަންދޫއާއި ކ.ތުލުސްދޫ ރޭ ބައްދަލުކުރި މެޗް ސީދާ ތިންސެޓުން ކާމިޔާބުކޮށް ގުރޫޕުގެ 2 ވަނަ ހޯދާފައި ވަނީ ހިރިލަންދޫއެވެ. މުޅި މެޗު ކޮންޓުކޮށް ހިރިލަންދޫން މި މެޗްގެ ސެޓުތައް ގެންގޮސްފައިވަނީ 19-25، 19-25 އަދި 23-25 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިލަންދޫގެ އާފާޤް ޚާން އެވެ.

އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް އޭގެ މެޗްގައި ކ.މާފުށިގެ މައްޗަށް ހޯދި ފަސޭހަ މޮޅާއިއެކު ވ.ފެލިދޫން ވެސް ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮއްފަ އެވެ.
ސީދާ 3 ސެޓުން ކާމިޔާބުކުރި މެޗުގެ ސެޓްތައް ފެލިދޫން ގެންގޮސްފައިވަނީ 25-18، 25-11، އަދި 25-19 އިންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެލިދޫ ޓިމުގެ ޕާކިސްތާނު ކުޅުންތެރިޔާ މުރާދު ޖީހާން އެވެ.
ގުރޫޕް ބީގެ ވަނަތައް ކަށަވަރު ވާނީ މިއަދު ކުޅުމަށް ހަމަޖެހިފައިވާ ގުރޫޕް ސްޓޭޖުގެ ފަހު 2 މެޗަށް ފަހު އެވެ.
ކުޅުނު 2 މެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައިވާ ހދ.ހަނިމާދޫއާއި ކ.މާފުށި ބައްދަލުކުރާ މެޗް ހަވީރު 4 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު، ބ.ގޮއިދޫ އަދި ތ.ހިރިލަންދޫއާ ދެކޮޅަށް ކުޅެން ޖެހޭނެ ޓީމު ކަށަވަރުވާ މެޗުގައި ވާދަކުރާނީ ކުޅުނު 2 މެޗްވެސް ކާމިޔާބުކޮއްފައިވާ ލ.ފޮނަދޫ އާއި ވ.ފެލިދޫ އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗްތައް ހޮނިހިރު ދުވަހު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު، 3 ވަނަ ހޮވާ މެޗާއި ފައިނަލް މެޗް ކުޅެވިގެންދާނީ އާދީއްތަ ދުވަހު އެވެ.



