
އީރާނާއި، އޮމާން އަދި އެމެރިކާ ހޯރްމޫޒް ކަނޑުއޮޅީގެ އެއްބަސްވުމަކާ ގާތަށް: ޤައުމުތަކުން ބޭނުންވަނީ ކޮން ކަމެއް؟
މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގުތަކުން ދަތުރުފަތުރު ކުރުން އަލުން ފެށި، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ސުލްހައިގެ ފުޅާ މަޝްވަރާތަކަކަށް މަގުފަހިވެގެންދާނެ އެވެ.
އެމެރިކާ، އީރާން އަދި އޮމާން ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަޤުތީ އެއްބަސްވުމަކާ ގާތަށް ދަތުރުކުރަމުންދާ ކަމަށް ބެލެވެ އެވެ. މިއީ މެދުއިރުމަތީގެ އެންމެ ނުރައްކާތެރި އެއް ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމުގެ އުންމީދު އާވެގެންދާ ކަމެކެވެ.
މިދިޔަ ހަފުތާތަކުގައި މަޝްވަރާކުރެވެމުންދާ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޖޫން 17 ގައި ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ ނިންމުން އަލުން އިއާދަކުރުމާއި، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ޤާންމު ޙާލަތްތަކުގައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭ ދެބަސްވުންތައް ހައްލުކުރުމެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފުރުސަތު ހުޅުވާލުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން އުންމީދީ ރޫޙެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އީރާނާއެކު ކުރެވޭ މަޝްވަރާތައް ”ވަރަށް ރަނގަޅަށް ކުރިއަށްދާ“ ކަމަށެވެ. އެއްބަސްވުމަކާ ގާތްވެފައިވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ގޮތެއް އެނގޭނެ ކަމަށާއި، ކަނޑުއޮޅި ވަރަށް އަވަހަށް ހުޅުވޭނެ ނުވަތަ އީރާނަށް ވަރުގަދަ ޙަމަލާތަކެއް އަމާޒުވާނެ ކަމަށެވެ.
އީރާނުން ބުނަމުންދަނީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މަޝްވަރާތައް ކުރިއަށްދަނީ އޮމާނާއެކުގަ އެވެ. އޮމާނަކީ ޒަމާނުއްސުރެ މި ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެކެވެ.

މަޝްވަރާ ކުރެވެނީ ކޮން ކަންތައްތަކަކާ؟
މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ ހޯރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާނީ ކޮން ބައެއްތޯ އާއި، އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރުގެ އަތުން އީރާނަށް ފީއެއް ނެގިދާނެތޯ އެވެ.
މި މައްސަލަ އުފެދުނީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އިންތިހާއަށް މަތިވެގެންދިޔަ އެވެ.

އީރާނުން ބޭނުންވަނީ ކޮން ކަމެއް؟
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ކުރެވޭ މަޝްވަރާތަކުގެ އަމާޒަކީ ދެ ޤައުމުގެ ސިޔާދަތީ ޙައްޤުތަކަށާއި ޤައުމީ ސަލާމަތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް، ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގުތަކެއް ކަނޑައެޅުމެވެ.
އީރާނުން ބާރުއަޅަނީ އެމެރިކާއާ ސީދާ ވާހަކަނުދައްކައި، އޮމާނާއި އީރާނުން ގުޅިގެން އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމަށެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދަތުރުފަތުރުގެ އެހީތެރިކަމަށް ފީއެއް ނެގުމުގެ ފުރުޞަޠު އޮތްކަން އީރާނުން ފާހަގަކުރެ އެވެ.
އެމެރިކާ ބޭނުންވަނީ ކޮން ކަމެއް؟
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ އެއްވެސް ފީއަކާ ނުލައި އަދި އީރާނުގެ ހުއްދައެއް ހޯދަން ނުޖެހޭ ގޮތަށް ބައިނަލްއަޤްވާމީ އާގުބޯޓުފަހަރަށް މިނިވަންކަމާއެކު އެ ސަރަހައްދުން ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ. ރައީސް ޓްރަމްޕް ވަނީ އީރާނަށް އެއްވެސް ފީއެއް ނެގުމުގެ ފުރުޞަޠު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައަކީ ނިއުކްލިއާ މައްސަލައާ ވަކިން ޙައްލުކުރަންޖެހޭ، މިވަޤުތަށް އެންމެ މުހިންމު ކަންތަކެވެ.
މަޝްވަރާ ކުރާ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ކަނޑުއޮޅީގެ މެދުތެރޭގައި އަތުރާފައިވާ މައިންތައް ނެގުމަށާއި، ދެ ޤައުމަށްވެސް އެއްބަސްވެވޭ ފަދަ ”މެދުތެރޭގެ މަގެއް“ (middle corridor) ދަތުރުފަތުރަށް ކަނޑައެޅުމަށެވެ. މިއީ މިހާރު އޮތް ނުތަނަވަސްކަމަށް ވަޤުތީ ޙައްލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މައިގަނޑު ގޮތެއްގައި އެއްބަސްނުވެވި އުޅޭ ކަންކަމަކީ ކޮބާ؟
މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މިއީ ޖޫން 17 ގައި އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާ އެއްކޮށް ބަދަލުކުރުމުގެ ބަދަލުގައި، އެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
އެ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން، 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއަކާ ނުލައި ހޯރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށް އީރާނުން އެއްބަސްވި އެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްމަގު ސާފުނުވުމުގެ ސަބަބުން، ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނާނީ ކޮން ފަރާތަކަށްތޯ އާއި އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ކޮން މަގުތަކެއްތޯ ބެލުމުގައި ޚިޔާލު ތަފާތުވުންތައް އުފެދުނެވެ.
އެ ވަޤުތީ އިންތިޒާމަކީ ޞުލްޙައިގެ ފުޅާ މަޝްވަރާތަކަށް ވަޤުތު ހޯދުމުގެ މަޤްޞަދުގައި ކުރި ކަމެކެވެ. އެހެންކަމުން، މިހާރު ހުށަހަޅާފައިވާ ހުށަހެޅުންތައް ބޮޑަށް ބިނާވެފައިވަނީ އުޅަނދުފަހަރަށް ވަޤުތުން ދަތުރުކުރެވޭނެ ގޮތް ހެދުމަށްވުރެ ބޮޑަށް، ފުރަތަމަ ކަނޑައެޅި 60 ދުވަހުގެ މުއްދަތު ހަމަވުމުން ދެން ވާނެ ގޮތަކާ މެދުގަ އެވެ.
މިހާރު ހުށަހެޅިފައިވާ އޮނިގަނޑު، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣަރީބްއާބާދީ މިދިޔަ މަހު ހުށަހެޅުއްވި ހުށަހެޅުމާ ވަރަށް އެއްގޮތެވެ. އޭނާ ވިދާޅުވެފައިވަނީ، ”އެތެރެއަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާ މަގު އޮންނަންވާނީ އެއްކޮށް އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ބޭރަށް ނުކުންނަ މަގުގެ ބައެއް އޮމާންގެ ކޮންޓްރޯލްގެ ދަށުގައި އޮވެދާނެ“ ކަމަށެވެ.
ބާކީ ހުރި ޚިޔާލުތަފާތުވުންތައް މިހާރު ބޮޑަށް ހުރީ ދިގު މުއްދަތަކަށް އެ ކަނޑުގެ ސަރަޙައްދު ބަލަހައްޓާނީ ކޮން ފަރާތަކުންތޯ އާއި، ކަނޑުގެ ޚިދުމަތްތަކަށް އީރާނަށް ފީ ނެގުމުގެ ހުއްދަ ލިބޭނެތޯ އެވެ.
އީރާނާއި އެމެރިކާ އެއްބަސްވުމަކަށް އައި ނަމަވެސް، އިތުރު ހުރަސްތަކެއް ހުރެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އުޅަނދުފަހަރު ދަތުރުކުރާ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އީރާނަށް ދީފިނަމަ، ބައިނަލްއަޤްވާމީ ޝިޕިންގ ކުންފުނިތަކުން އީރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ.
ނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ވޮޝިންގްޓަނުން ޚާއްޞަ ހުއްދައެއް ނުދޭހާ ހިނދަކު ގިނަ ކުންފުނިތަކަކަށް އެކަން ކުރަން ދަތިވާނެ އެވެ.
އިޤްތިޞާދީ ތަރައްޤީއާއި ޑިޕްލޮމަސީއަށް މަސައްކަތްކުރާ ’ބޯސް އެންޑް ބަޒާ ފައުންޑޭޝަން‘ ގެ ބާނީ އެސްފަންދިޔާރު ބަޓްމަންގޭލިޖް ވިދާޅުވީ، މިއީ އީރާނަށް ފައިދާވެދާނެ ކަމެއް ކަމަށެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ފައިސާ ދެއްކުމާއި މުޢާމަލާތް ކުރުން މަނާވެފައި އޮތުމުގެ ފައިދާ އީރާނަށް ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އުޅަނދުފަހަރުތަކުގެ ވެރިން، ޓްރަމްޕްގެ ސަރުކާރުން ސީދާ ހުއްދަ ނުދެނީސް އެ މަގުން ދަތުރުކުރަން ބޭނުންނުވާނެ ކަމަށާއި، މީގެ މާނައަކީ ހުށަހެޅުމަކަށް ޢަމަލީ ސިފަ ގެނައުމުގެ ބާރު އޮތީ ޓްރަމްޕްގެ އަތްޕުޅުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުގެ ޑިމާންޑްތަކަށް އެމެރިކާއިން މިހާރު އެއްބަސްވާންވީ ކީއްވެ؟
މި މަޝްވަރާތައް ކުރިއަށްދަނީ އިތުރު ހަމަނުޖެހުމަކަށް ނުގޮސް ސަލާމަތްވުމަށް ވޮޝިންގްޓަނަށް އަސްކަރީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިފާޢީ ހަތިޔާރު މަދުވަމުންދާތީ، އީރާނަށް ބޮޑު ޙަމަލާއެއް ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ޢަމަލީ ގޮތުން ތަންފީޒު ނުކުރެއްވުމަށް އެކަން ސަބަބަކަށް ވިއެވެ. ހޯރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، އެމެރިކާގެ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެދާނެ ކަމެކެވެ. މިއީ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ގާތްވެފައިވަނިކޮށް ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
އެހެންކަމުން، ވަޤުތު ކުޑަތަންވަމުންދާއިރު، އެމެރިކާއަށް މިވަޤުތު އެންމެ ރަނގަޅު ގޮތަކީ ވަޤުތީ އެއްބަސްވުމަކަށް އައުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ކުއިންސީ އިންސްޓިޓިއުޓްގެ ވައިސް ޕްރެޒިޑެންޓް ތްރީޓާ ޕާސީ ވިދާޅުވީ، ވޮޝިންގްޓަނުން މިހާރު އިސްކަންދޭންވީ އީރާނުގެ ދައުރު ހުއްޓުވުމަށްވުރެ ބޮޑަށް، އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ.
އަސްކަރީ މާހިރެއް ކަމަށްވާ ޑޭވިޑް ޑެސް ރޮޗްސް ވިދާޅުވީ، މިވަޤުތު އެންމެ ބޭނުންވަނީ އަމާންކަމާއެކު ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ނުދޭނެ ކަމުގެ ރަސްމީ ކަށަވަރުކަމެއް އީރާނުން ދިނުން ކަމަށެވެ. އަދި އީރާނުގެ އައްސޭރިފަށުގައި އޮތް ކަނޑުއޮޅިއެއް ބެލެހެއްޓުމުން އެ ޤައުމު އެއްކޮށް ބާކީ ނުކުރެވޭނެ ކަމުގެ ޙަޤީޤަތް އެއްބަސްވުމަކުން ފެންނަން އޮންނާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
ހޯރްމުޒް އެއްބަސްވުމަކުން މެދުއިރުމަތީގެ މައްސަލަ ޙައްލުވާނެތަ؟
ވަގުތުންނެއް ނޫނެވެ. ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަކީ އީރާނާއި އެމެރިކާގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ލިބޭނެ ލުޔެއް ނަމަވެސް، މީގެން އެ ޤައުމުތަކުގެ ދެމެދުގައި ހުރި ބޮޑެތި ޚިޔާލުތަފާތުވުންތައް ޙައްލެއް ނުވާނެ އެވެ.
އުޅަނދުފަހަރުގެ ދަތުރުތައް އަލުން ފެށުނު ނަމަވެސް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުންނާއި އެހެނިހެން ސަރަޙައްދީ މައްސަލަތަކާ މެދު އަދިވެސް މަޝްވަރާކުރަން ޖެހޭނެ އެވެ. މީގެ ތެރޭގައި އިސްރާއީލާއި ލުބުނާނުގެ ހިޒްބުالله އާ ދެމެދު ހިނގާ ހަމަނުޖެހުންތަކާއި، ރަތްކަނޑުގައި ހޫޘީން ދޭ ހަމަލާތައް ހިމެނެ އެވެ.
މެދުއިރުމަތީގެ ދިރާސާވެރިއެއް ކަމަށްވާ އައްބާސް އަސްލާނީ ވިދާޅުވީ، ހޯރްމުޒްގެ އެއްބަސްވުމަކީ ރަނގަޅު ފެށުމެއް ކަމަށާއި، ނަމަވެސް އެއީ ހުރިހާ މައްސަލައެއް ޙައްލުކޮށްދޭނެ ޖާދޫއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މިއީ ނިއުކްލިއަރ މައްސަލައިގައި ދާއިމީ ޙައްލަކަށް ދިއުމުގެ ކުރިން، ޖޫން މަހުގެ ފަހުމުނާމާ ޢަމަލީ ގޮތުން ތަންފީޒު ކުރަން ދެ ފަރާތަށް ލިބޭ ފުރުޞަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.



