ޖުލައި މަހު ރިޕޯޓުކުރި ސްކޭމް މައްސަލަތަކުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 1,368,844.56 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން، ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ (78 މައްސަލަ) އަކީ މި ބާވަތުގެ މައްސަލަތަކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލުހުންނާއި، ކަމާބެހޭ އިދާރާތަކާއި އަދި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ރިޕޯޓުކުރެވުނު ޖުމްލަ މާލީ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތައެވެ.

ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވޭ

ޖުލައި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5.8 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7,604.69 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ސޯޝަލް މީޑިއާއާއި، އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމްތަކާއި، މެސެޖިންގ އެޕްލިކޭޝަންތަކުގެ އިތުރުން ނުރަސްމީ މާލީ ނެޓްވޯކްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ސަބަބުން ކުރިމަތިވަމުންދާ މާލީ ގެއްލުން ބޮޑުކަމެވެ.

ޖުލައި މަހު ރިޕޯޓުކުރި 180 މައްސަލައިގެ ތަފްސީލަށް ބަލާއިރު:

  • އީ-ކޮމާސް / އޮންލައިން ވިޔަފާރި: 78 މައްސަލަ (43.33 އިންސައްތަ)
  • ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20.00 އިންސައްތަ)
  • އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14.44 އިންސައްތަ)
  • ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11.11 އިންސައްތަ)
  • އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11.11 އިންސައްތަ)

އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކުގެ އެކު ޖުމުލަ 114 މައްސަލަ ހުށަހެޅިފައިވާއިރު، މިއީ މަހުގެ ޖުމްލަ މައްސަލަތަކުގެ 63.33 އިންސައްތައެވެ. މިއިން ދައްކައިދެނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަމެވެ.

 

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ސަމާލުވުން

އޮންލައިންކޮށް ވިޔަފާރި ކުރުމުގައި، ތަކެތި ވިއްކާފަރާތުގެ ސައްހަކަން ކަށަވަރުނުކޮށް، ކުރިއާލާ ފައިސާ ނުދެއްކުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

އޮންލައިން ވިޔާފާރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި މުދާ ލިބުމުން ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިހުތިޔާރުކުރުމަށް އިސްކަންދޭންވާނެއެވެ. އަދި މާލީ މުއާމަލާތެއް ފެށުމުގެ ކުރިން، ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީހާއި، ގުޅޭނެ މައުލޫމާތުގެ އިތުރުން، އެހެން ކަސްޓަމަރުންގެ ފީޑްބެކް ކުރީގެ މުއާމަލާތްތައް ހުރި ގޮތް ރަނގަޅަށް ބެލުން މުހިންމެވެ.

ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ އަދަދަކަށް ފޮޓޯއާއި އިޝްތިހާރު ހުރުމަކީ ނުވަތަ ގިނަ ފޮލޮވަރުން ތިބުމަކީ، އެއީ އިތުބާރުހުރި ވިޔަފާރިއެއްކަން އަންގައިދޭ ކަމެއް ނޫނެވެ.

އާދަޔާހިލާފަށް އަގުހެޔޮކޮށް ހުންނަ މުދަލާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ބާރުއަޅާ އޮފާތަކާމެދު އިތުރަށް ސަމާލުވާންޖެހެއެވެ. މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އާންމުކޮށް މަސައްކަތްކުރަނީ، މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ނުދީ، ކަންބޮޑުވުން އުފައްދައިގެން އަވަސް އަވަހަށް ފައިސާ ހޯދުމަށެވެ.

 

ރިފަންޑް ދޫކުރުމުގެ ކުރިން ޕޭމަންޓް ކަށަވަރުކުރުން

އެކޮމޮޑޭޝަނާއި، ދަތުރުފަތުރާއި، އިވެންޓް ބުކިންގ އަދި ރިޒަވޭޝަނާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުން، ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމަށް ހިންގާ ސްކޭމްތަކަށް ހޭލުންތެރިވެ ސަމާލުވާންވާނެއެވެ.

މި ބާވަތުގެ ސްކޭމްތަކުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަނޫން ނުވަތަ ބަދަލުގެނެސްފައިވާ ސްލިޕެއް ފޮނުވައެވެ. އެއަށްފަހު، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ޖެހުނުކަމަށް ބުނެ، ވަގުތުން ފައިސާ އަނބުރާ ދިނުމަށް (ރިފަންޑް ކުރުމަށް) އެދެއެވެ.

އެއްވެސް ރިފަންޑެއް ދޫކުރުމުގެ ކުރިން، ޕޭމަންޓް ލިބި، އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިތަކުން ކަށަވަރުކުރަންވާނެއެވެ.

ކަސްޓަމަރަކު ފޮނުވާ ސްކްރީންޝޮޓް، ޕޭމަންޓް ސްލިޕް ނުވަތަ ޓްރާންސްފަރ ކޮންފަމޭޝަނަކީ ފައިސާ ލިބުނުކަމުގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެއެވެ. ރިފަންޑް ޕްރޮސެސްކުރަންވާނީ ރަސްމީ ބޭންކިންގ ރެކޯޑުތަކުން މުއާމަލާތް ކަށަވަރުކުރުމަށްފަހުގައެވެ.

ހަމައެއާއެކު، ބުކިންގތަކާއި، ޕޭމަންޓްތަކާއި، ކެންސަލޭޝަންތައް އަދި ރިފަންޑްތަކުގެ ރެކޯޑުތައް ވިޔަފާރިތަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުކޮށް، ކުއްލި ރިފަންޑް ރިކުއެސްޓްތައް ޕްރޮސެސް ނުކުރުމަށް މުއާމަލާތްތައް ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދެވިފައި އޮންނަންވާނެއެވެ.

 

ނުރަސްމީ ގޮތްގޮތަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުން ދުރުހެލިވުން

ނޭނގޭ ފަރާތްތައް ނުވަތަ ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ގްރޫޕްތައް މެދުވެރިކޮށް ބޭރު ފައިސާ މާރުނުކުރުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ބޭރު ފައިސާގެ މުއާމަލާތްތައް ކުރަންވާނީ ހުއްދަ ލިބިފައިވާ ބޭންކުތައް ނުވަތަ ލައިސަންސް އޮންނަ މަނީ އެކްސްޗޭންޖް ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށެވެ. އާދަޔާހިލާފަށް ރަނގަޅު ރޭޓުތަކުގައި ފައިސާ މާރުކޮށްދޭނެކަމަށް ބުނެ ކުރާ އޮފާތަކާމެދު، ވަކިން ހާއްސަކޮށް ކުރިއާލާ ފައިސާ ފޮނުވުމަށް އެދޭނަމަ ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް މުއާމަލާތް ނިންމުމަށް ހުށަހަޅާނަމަ، ސަމާލުވާން ވާނެއެވެ.

ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން، ޚިދުމަތްދޭ ފަރާތަކީ ކާކުކަން ދެނެގަނެ، އެއީ ހުއްދަ ލިބިގެން ހިންގާ ވިޔަފާރިއެއްކަން ޔަގީންކޮށް، ފައިސާ ޖަމާކުރެވޭ އެކައުންޓަކީ ސައްހަކަން ކަށަވަރުކުރެވިފައިވާ ވިޔަފާރިއެއްގެ އެކައުންޓެއްކަން ޔަގީންކުރަންވާނެއެވެ.

 

ރައްޓެއްސެއް ނުވަތަ އާއިލާ މީހެއްގެ ނަމުގައި އަންނަ ރިކުއެސްޓްތައް ޔަގީންކުރުން

އެހެން ފަރާތަކަށް ހެދިގެން ހިންގާ ސްކޭމްތަކުގައި، ގިނަ ފަހަރަށް މަކަރާއި ހީލަތް ހަދާ މީހުން، އަނިޔާ ލިބޭ ފަރާތުގެ ރައްޓެއްސެއް، އާއިލާ މީހެއް ނުވަތަ އެކުގައި މަސައްކަތްކުރާ މީހެއްގެ ސޯޝަލް މީޑިއާ ނުވަތަ މެސެޖިންގ އެކައުންޓަށް ވަދެ، ނުވަތަ އެކައުންޓް ކޮޕީކޮށްގެން ފޭކު އެކައުންޓެއް އުފައްދައެވެ.

އެއަށްފަހު، އެ މީހަކަށް ހެދިގެން ފައިސާއަށް އެދި މެސެޖުކޮށް، އެއީ ވަރަށް އަވަހަށް ބޭނުންވާ ފައިސާއެއް ކަމަށް ބުނެއެވެ.

ދަންނަ ފަރާތެއްގެ އެކައުންޓަކުން މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އިތުބާރުކުރެވޭ ފޯނު ނަންބަރަކުން އެ މީހަކަށް ގުޅައި ސައްހަކަން ޔަގީންކުރަންވާނެއެވެ. މެސެޖު ލިބުނު އެކައުންޓް މެދުވެރިކޮށް ސައްހަކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރާށެވެ. ސަބަބަކީ އެ އެކައުންޓަކީ މިހާރުވެސް ސްކޭމް ހިންގާ މީހާގެ ބާރުގެ ދަށުގައިވާ އެކައުންޓަކަށް ވެދާނެތީއެވެ.

ހަމައެއާއެކު، ވަން-ޓައިމް ޕާސްވަރޑް (OTP)، ބޭންކިންގ މައުލޫމާތު، ވެރިފިކޭޝަން ކޯޑު ނުވަތަ އަމިއްލަ އައިޑެންޓިޓީއާ ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރަމެވެ. ބޭންކުތަކާއި، ފުލުހުން އަދި ރަސްމީ ހިދުމަތްދޭ ފަރާތްތަކުން، ފޯނު ކޯލަކުން ނުވަތަ ސޯޝަލް މީޑިއާ މެސެޖަކުން ކަސްޓަމަރުގެ ޕާސްވަރޑް ނުވަތަ ވަން-ޓައިމް ޕާސްވަރޑް (OTP) އަކަށް ނޭދޭނެއެވެ.

 

އަވަހަށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ބޮޑުވާ ކަމެއް

ޖުލައި މަހުގެ ތެރޭގައި 635,271.17 ރުފިޔާ އަނބުރާ ހޯދައިދެވިފައިވުމަކީ، މަކަރާއި ހީލަތުގެ މުއާމަލާތްތައް ލަސްނުކޮށް ވަގުތުން ރިޕޯޓުކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.

ސްކޭމް ހިންގާ ފަރާތަކަށް ފައިސާ ފޮނުވިއްޖެކަން އެނގޭ ހިސާބުން، އެ މުއާމަލާތެއް ހިންގި ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް ވަގުތުން އެންގުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތަށް އެ މައްސަލަ ރިޕޯޓުކުރަންވާނެއެވެ.

އަނިޔާ ލިބުނު ފަރާތްތަކުން، މުއާމަލާތުގެ ރަސީދު، އެކައުންޓް ނަންބަރު، ފޯނު ނަންބަރު، ޔޫޒަރނޭމް، އިޝްތިހާރު، ޗެޓް ރެކޯޑު، ވޮއިސް މެސެޖު އަދި ސްކްރީންޝޮޓް ފަދަ ހުރިހާ ތަކެތި ރައްކާތެރިކަމާއެކު ބަހައްޓަންވާނެއެވެ. މައުލޫމާތުތައް ރަނގަޅަށް ރެކޯޑުކުރެވުމުގެ ކުރިން، ހާދިސާއާ ގުޅުންހުރި މެސެޖުތައް ނުވަތަ އެކައުންޓްތައް ޑިލީޓް ނުކުރުމަކީ މުހިންމު ކަމެކެވެ.

މައްސަލަ ރިޕޯޓުކުރުން ލަސްވާނަމަ، މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ އެހެން އެތައް އެކައުންޓަކަށް ދައުރުކޮށް، ނަގައި ނުވަތަ ރާއްޖެއިން ބޭރަށް ޓްރާންސްފަރ ކުރުމުގެ ފުރުސަތު ލިބި، ފައިސާ އަނބުރާ ހޯދުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

މާލީ މުއާމަލާތްތައް ކުރުމުގައި އަބަދުވެސް ސަމާލުވުމަށާއި، ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ލިބޭ ފަރާތަކީ ކާކުކަމާއި، ފައިސާ ފޮނުވާ ބޭނުމާއި އަދި މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމު ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ހޭދަކޮށްލާ އިތުރު މަދު ވަގުތުކޮޅަކީ، ކުރިމަތިވެދާނެ ބޮޑު މާލީ ގެއްލުމަކުން ތިބާ ރައްކާތެރިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.