
ފާތުންގެ ތާރީޚީ ކާމިޔާބު
ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކޭ-1 ކިކްބޮކްސިންގް ލީގު، ”ކަރްމާ ފައިޓް ލީގު“ (ކޭއެފްއެލް 8) ގައި ވާދަކޮށް، ރާއްޖޭގެ ހުނަރުވެރި މާޝަލް އާޓްސް އެތުލީޓް ފާޠިމަތު އިބްރާހިމް ތާރީޚީ ކާމިޔާބީއެއް ހޯދައިފި އެވެ.
ސްރީލަންކާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރު (އެސްއެލްއީސީސީ) ގައި ބޭއްވި މި މުބާރާތުގެ 52 ކިލޯގްރާމްގެ ޑިވިޝަނުން ރާއްޖެ ތަމްސީލުކުރި ހަމައެކަނި އެތުލީޓަކީ ފާތުންނެވެ.
ރޮމެއިންއާ ދެކޮޅަށް ފާތުން ކުރިމަތިލި މި މެޗުގައި، އޭނާގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ހަލުވި އަދި ހުނަރުވެރި ޙަމަލާތަކެކެވެ.
ކިކްބޮކްސިންގްގެ މި ފޯމެޓަކީ ފާތުންނަށް މުޅިން އައު ދާއިރާއަކަށް ވިޔަސް، އޭނާ ވަނީ ފުރިހަމަ އިތުބާރާއެކު ރިންގުގެ ތެރޭގައި ޙަރަކާތްތެރިވެފަ އެވެ.
މީގެކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި 2025 ގެ ވޯލްޑް ޓައެކްވޮންޑޯ ޗެމްޕިއަންޝިޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ޤައުމު ތަމްޞީލުކޮށްފައިވާ ފާތުންނަށް ލަންކާގެ މި މުބާރާތަވީ ކުރިމަތިވި މުހިންމު އައު ޗެލެންޖެކެވެ
މާޝަލް އާޓްސްގެ އެކި ދާއިރާތަކުން ގިނަ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާ ފާތުންނަކީ، ޓައެކްވޮންޑޯގެ ދެވަނަ ޑޭން ބްލެކް ބެލްޓްގެ އިތުރުން، ބްރެޒިލިއަން ޖިއު-ޖިޓްސޫގެ ބްރޫ ބެލްޓް އޮންނަ ހުނަރުވެރި އެތުލީޓެކެވެ.
ބައިނަލްއަޤުވާމީ ޓައެކްވޮންޑޯ މެޑަލްތަކުގެ އިތުރުން، 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޑީސީސީ ސަބްމިޝަން ގްރެޕްލިންގ މުބާރާތުގައިވެސް އޭނާ ވަނީ ވާދަކޮށްފަ އެވެ.
ދެކުނު އޭޝިއާގެ ފަސް ޤައުމަކުން ބައިވެރިވި މި ޝަރަފުވެރި މުބާރާތުގައި ހޯދި މި ކާމިޔާބީއަކީ، ކިކްބޮކްސިންގް ދާއިރާއިން ފާތުން ހޯދި ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްލެވެ އެވެ.



