ޒިކާ ވައިރަސް ފެތުރޭ މިންވަރު ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިއްޖެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިޢްޔާ ޑަބްލިޔޫއެޗްއޯއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނީ ޒިކާ ވައިރަސްގެ ސަބަބުން އުފެދުނު ސިއްހީ ބިރުވެރިކަން މިހާރު ކުޑަވެފައިވާ ކަމަށާއި އެހެންނަމަވެސް ޒިކާއަކީ އަދިވެސް ނުރައްކާތެރި ވައިރެހެއް ކަމަށެވެ.
އެ ބަލި ފެތުމުގެ ބިރު އޮތްނަމަވެސް ޒިކާ ކޮންޓްރޯލް ކުރެވިފައިވާތީ އާއި އެ ބައްޔާބެހޭ ހޭލުންތެރިކަން އުފެދިފައިވާތީ ސިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ބަލަމުންދިޔަ ބެލުން މިހާރު ނިމުމަކަށް ގެނަސްފައިވާ ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.
ޒިކާ ވައިރަސް މަދިރީގެ ޒަރީއާއިންނާއި ޖިންސީ ގުޅުމުންވެސް ފެތުރޭކަން ސިއްޙަތާބެހޭ ދިރާސާތަކުން ހާމަވެފައިވާ އިރު، ޒިކާ ވައިރަސް މާބަނޑު އަންހެނުންގެ ހަށިގަނޑަށް ވާސިލުވުމުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި އުފެދުމަށް ވަރަށްބޮޑު ހުރަސްތަކެއް އެޅޭކަމަށް ސުއްޙީ މާހިރުން ބުނެއެވެ.
އަދި ޒިކާގެ ސަބަބުން މިހާލަތު މައިކްރޯ ސެފަލީ ނުވަތަ ބޮލުގެ ނާށިގަނޑު ކުޑަވުން ކުރިމަތިވެފައިވާ 2100 ތުއްތުކުދިން ބްރަޒީލްގައި އެބަތިބިކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ޒިކާ ވައިރަސްގެ އަލާމާތްތަކުގެތެރޭގައި ގަދައަށް ހުން އައުމާއި ހުޅުތަކުގައި ރިއްސުންފަދަ މައްސަލަތައް ކުރިމަތިވާ ނަމަވެސް އެވައިރަހުގެ ސަބަބުން މީހުން މަރުވާހިސާބަށް ދަނީ ވަރަށް މަދު ޙާލަތެއްގައި ކަމަށް ސިއްޙަތާބެހޭ މާހިރުން ވަނީ ބުނެފައެވެ.