
އާޚިރަތް ބާއްޖަވެރި ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް މުފްތީ ގޮވާލައްވައިފި
ޢިލްމުޓޯކް ޕްރޮގްރާމުގެ ދަށުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްމާއިލް މުފްތީ މެންކް ވިދާޅުވީ ތިމާ މަރުވާ ދުވަހު އެހެން މީހުންނަށް ތިމާ ނެތުމުން އެކަމުގެ އުނިކަން ލިބޭފަދަ އިހްސާސް ކުރެވޭ ގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ކަމަށެވެ.
އަދި އެގޮތަށް ދިރުއުޅުން ބައްޓަން ކުރެވޭނަމަ މީހުންގެ ރުހުން ލިބި، ތިމާ ދުނިޔެ ދޫކުރުމުން ތިމާއަށްޓަކައި ހެޔޮ ދުޢާކޮށް، ތިމާގެ ޢާއިލާއާ ބައްދަލުކޮށް އެމީހުންނަށް ލިބުނު ހިތާމައިގައި ބައިވެރިވާނެ ކަމަށް މުފްތީ ވިދާޅުވިއެވެ.
އޭނާގެ ތަޤްރީރުގައި އިތުރަށް ވިދާޅުވީ އެހެން މީހުންނަށްވެސް ތިމާއަށް ލިބިފައިވާ ނިޢުމަތްތަކާ ތަނަވަސްކަން ލިބުމަށް އެދި ދުޢާ ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ވީވަރަކުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އެކަމަކީ އެކަކު އަނެކަކުގެ މެދުގައި އޮންނަ ގާތްކަން އިތުރުވެ، އެކަކު އަނެކަކަށް އޮންނަ ލޯބި އިތުރުވާނެ ކަމެއް ކަމަށެވެ.
މުފްތީގެ ތަގުރީރުގައި، ޣީބަ ބުނުމުގެ ނުބައި އާދައާ ދުރުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން މީހުންނާ މުއާމަލާތު ކުރާއިރު ރީތި ބަހުން މުއާމަލާތުކޮށް މީހުން ނެތްތަން ތަނުގައި އެ މީހުންގެ ރަނގަޅު ވާހަކަ ދެއްކުމަށް ގޮވާލެއްވި އެވެ.
އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ޙައްޤުތަކާ ބެހޭ ގޮތުން ތަޤްރީރު ކުރައްވަމުން މުފްތީ ވިދާޅުވީ ބަލިމީހާއަށް ގޮވާލަން ދިއުމުގެ މުހިއްމު ކަމެއް ކަމަށާއި އެކަމަކީ ތިމާއާއި މާތް ﷲ އާ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމެއް ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޢިލްމުޓޯކް އަޑުއެހުމަށް ގިނަ ބަޔަކު މަރުކަޒަށް ޙާޞިރުވިއެވެ.



