
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުތަކުގެ ތެރެއިން: ޑރ. މުޙައްމަދު ޝަހީމް
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށާއި، ނަމަވެސް އެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުތަކުގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސައެއް ކަމަށްވާ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މިނިވަންކަން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ވެސް ނޫސްވެރިކަމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަށް އޮތް ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ނޫސްވެރިކަމަކީ މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންކަމާއި، ކޮރަޕްޝަނާއި، ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމީ އަގުހުރި މަސައްކަތެއް ކަމަށެވެ.



