
ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ ނަމުގަ ޕްރޮގްރާމެއް ހިންގައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ’ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ‘ ޕްރޮގްރާމް ހިންގައިފިއެވެ.
މި މަހުގެ 20ވަނަ ދުވަހުން ފެށިގެން 21ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.
މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން، ޓެޓްރާޓެކް އިންޓަރނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުން ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް 2026 އަހަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ތަކުގެ ތެރެއިން އެއް ޓްރޭނިންގ ޕްރޮގްރާމެކެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މި ސަރވިސްގެ މިޑްލް މެނޭޖްމަންޓް އިން ފެށިގެން މަތީ ލެވެލްތަކުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ސަރވިސްގެ އިތުރުން ހޯމް ސެކްޓަރގައި ހިމެނޭ ޔުނިފޯމް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުން ހިމެނެއެވެ.
އަދި ޝެއަރޑް ލަރނިންގގެ ތެރެއިން އެ މުއައްސަސާތަކުން ފާހަގަ ކުރެވޭ ރަނގަޅު ކަންކަން ދެނެގަނެ ކުރިޔަށް އޮތްތަނުގައި މެނޭޖްމަންޓް އަދި ލީޑަރޝިޕްގެ ގޮތުން ޤާބިލު ބަޔަކު ތަމްރީނުކުރުމަކީވެސް މި ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުމެކެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ އެމްސީއެސްގެ 06 އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 02 އޮފިސަރާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ އޮފިސަރެއްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ ދެ އޮފިސަރެކެވެ.
މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްގެސްދެއްވާފައި ވަނީ ޕްރިޒަން އެންޑް ޕްރޮބޭޝަން އެކްސްޕަރޓް މރ. ޓޯނީ ހެސެލްއެވެ.



