އައްޑޫސިޓީ މަރަދޫގައި ހުރި މުހިންމު ބިނާއެއް ކަމަށްވާ ”ބޮނޑޮގެ“ ރަސްމީކޮށް ހުޅުވައިފިއެވެ.
އިނގިރޭސީން އައްޑޫގައި ތިބި ދުވަސްވަރު އެ މީހުން މުއާޞަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި މި ޢިމާރާތުގައި ވަނީ ފަހުން މަރަދޫގައި އެކި ބޭނުންތަކަށް ބޭނުންތައްވެސް ކޮށްފައެވެ. އަދި ބޭނުންނުކޮށް ގިނަ އަހަރުތަކެއް ވަންދެން ބެހެއްޓުމަށް ފަހު، އެތަން މަރާމާތުކޮށް، އާބާތުރަ ފިލުވާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން 1.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.

ފޮޓޯ: އައްޑޫލައިވް
ބޮނޑޮގެ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބޮނޑޮގެ ހުޅުވައިދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ ބޮނޑޮގެއަކީ އައްޑޫގައި ހުރި ވަރަށް މުހިންމު ބިނާއެއް ކަމަށާއި އެތަން ގިނަ ދުވަހަށް ބޭނުން ކުރެވޭ ގޮތަށް ބަދަލުކޮށް ފައިދާއެއް ލިބޭނެ ގޮތަށް ހެދީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިގެން ކަމަށެވެ.
އެތަން ހެދުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުންވަނީ ހަނދާނީ ލިޔުމާއި ހަނދާނީ ފިލާވެސް ދީފައެވެ.
ބޮނޑޮގެ މަރާމާތުކޮށް ބޭނުން ކުރަން ފެށި ފަހުން އެތަނުގައި އެންމެ ފުރަތަމަ ބޭއްވި އިވެންޓަކީ ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަހާއި އިންޓަރނެޝަނަލް ޝެފްޑޭ ވަނީ އެތަނުގައި ފާހަގަކޮށްފައެވެ.
އައްޑޫސިޓީ މަރަދޫ ބޮނޑޮގެ ފަރުމާކޮށްފައިވަނީ ޖަލްސާތަކާއި ސެމިނަރތަކާއި ސްޓޭޖް ހަރަކާތްތަކާއި ފިލްމް ވެސް ދެއްކޭނެގޮތަށެވެ.