
އެޗްޑީސީގެ އިސްވެރިންތަކެއް މަގާމުން ވަކިކޮށްފި
އެޗްޑީސީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
ފާއިދާއި ޔާމީން މަގާމުން ވަކިކުރި ސަބަބެއް އެޗްޑީސީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
”ބިންވެރިޔާ“ ސްކީމްގެ ދަށުން ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަގާމުން ވަކިކުރި ނަމަވެސް ފަހުން ވަނީ އެންމެންގެ ވަޒީފާ އަލުން އިޔާދަކޮށްފަ އެވެ. ނަމަވެސް ފާއިދާއި ޔާމީން މަގާމުން ވަކިކުރުމާ ހަމައަށް ތިބީ ސަސްޕެންޑްކޮށްފަ އެވެ.
އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަން ފެށީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒީލް ރަޝީދަށް ނުހައްގުން ”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯއްޗެއް ދިން މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.