ޔާމީންގެ ހައްޔަރާ ގުޅޭ ފޭކް ރިޕޯޓެއް، ތަހުގީގު ފަށައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓެއް ކަމަށް ބުނެ ދައުރު ކުރަމުންދަނީ ފޭކު ރިޕޯޓެއް ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ރިޕޯޓާ ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން، ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ސައްހަ ނޫން ރިޕޯޓުގައި އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ގެ ނަމުގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ސައްހަ ނޫން މި ރިޕޯޓު އުފައްދައި ދައުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ. އަދި އޭސީސީގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ކޮމިޝަނުން އެދިފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.