އެޕްރީލްގެ ފެންބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް
ނިމިދިޔަ އޭޕްރިލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދޭން ގޮތް އެމްޑަބްލިއުއެސްސީއިން ހާމަކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް ފެން ކުންފުނީގެ އުސޫލުން ޑިސްކައުންޓު ދީފައި ވާނީ މާޗް 11 އިން އެޕްރީލް 11 ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށާއި މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ.
އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލު ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ނަމަވެސް މި ބިލުތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާތީ މިދިޔަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލުއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ވަނީ އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވި މާޗް މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށް ދޭން ނިންމައިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އުނިކޮށްދެވޭ މިންވަރަކީ މިދިޔަ މަހުގެ ބިލްގެ 10 އިންސައްތައަށް ވުރެ ކުޑަމިންވަރެއް ނަމަ، 10 އިންސައްތައާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށް ދޭން ވަނީ ނިންނައިފައެވެ.
އަދި އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށާއި އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލް ނަމަ އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދެވޭ އަދަދާއި މިހާތަނަށް އޭޕްރީލް މަހުގެ ބިލް ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާޙު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކްރެޑިޓް ކުރެވޭ ހާލަތުގައި އެމަޢުލޫމާތު ވެސް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާކުރާނެ ކަމަށް ބުނެފައެވެ.