އީދު ނަމާދު ފަށާ ގަޑި އަވަސްކުރަން މަޝްވަރާ ފަށައިފި
ރާއްޖޭގައި އީދު ނަމާދު ކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިއަދު މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އީދު ނަމާދު ކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ފެށި ކަމަށް ޝަހީމް ވިދާޅުވި ނަމަވެސް މިކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ޝަހީމް ހިއްސާކުރައްވާފަ އެވެ.
ރާއްޖޭގައި އަބަދުވެސް އީދު ނަމާދު ފަށަނީ ހެނދުނު 7:30 ގައެވެ.
ރާއްޖޭގައި އީދު ނަމާދު ފަށާ ގަޑި މާބޮޑަށް ލަސްކަން ފާހަގަކުރައްވާ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި އީދު ނަމާދު ފަށަންޖެހޭ ވަގުތަކީ އިސްލާމީ ގިނަ ގައުމުތަކުގައިވެސް އެކަން ކުރާ ގޮތަށް ޟުހާ ވަގުތެވެ.
ރާއްޖޭގައި ދާދި ފަހަކާ ޖެހެންދެން އީދު ނަމާދު ކުރަމުން ދިޔައީވެސް މިސްކިތްތަކުގައެވެ. ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އަދި ޑރ. ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމުގައި މާލެ އާއި ރަށްރަށުގައި ހުސް މައިދާން ތަކުގައި ވަނީ އީދު ނަމާދުކުރަން ފަށާފަ އެވެ.