އިންތިހާބު ފަސްކުރާ ބިލަށް އޭޖީގެ ލަފާ ހޯދާނަން – ރައީސް
ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި މަޖިލިސް އިންތިހާބު ފަސްކުރުމާ ގުޅޭ ބިލަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ލަފާ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ނ. ކެނދިކުޅުދޫގައި މިއަދު ރައީސް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފުވެވަޑައި ނުގަންނަވާނެ ކަމަށެވެ.
މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ޖެހޭ ގޮތަށް ފާސް ކުރި ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް ފާސްކުރީ އިއްޔެ އެވެ. އެހެންވެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަން ލާޒިމުވާނެ އެވެ.
”80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެހެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި.“ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80 ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންވެ ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހުށަހެޅި މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާ މިހާރު ބާތިލުކޮށް، އެހެން މާއްދާއެއްގައި އެކަން ހިމަނާފައިވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ގާނޫނީ ވެރިކަން ހިނގަން ޖެހޭނެ ކަމަށާއި މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
”އިލެކްޝަންސް ކޮމިޝަނަށް ނުރަސްމީކޮށް އެދުނީމާ ދެންނެވިން އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވާށޭއެ،“ ރައީސް ވިދާޅުވި އެވެ.
ވިހި ވަނަ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައި އޮތް ތާރީހަކީ އަންނަ މަހުގެ 17 އެވެ. ނަމަވެސް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ އެކީ ވަނީ އިންތިހާބެއް ރޯދަ މަހާ ދިމާވާ ނަމަ، އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ފާސްކޮށްފަ އެވެ.