ވިލިނގިލީގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށް ބެލްޖިއަމްގެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރައްވައިފިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ގއ.ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރައްސްމިއްޔާތުގެ ތެރެއިންނެވެ.

އިޝްތިހާރު Below Header ad

ގއ.ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން މިދިޔަ އޮގަސްޓްމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވިލިނގިލީ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ބްރިޖް ޚަލީފާ އެޅުމުގައި ހަރަކާތްތެރިވި ކުންފުންޏެއް ކަމަށްވާ، އެން.ވީ.ބީސިކްސް ކުންފުންޏާއެވެ.

މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ބީސިކްސް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މރ.ސަރވް ޑޮލްމަންސްއެވެ.

މިމަޝްރޫޢުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި ގއ.އަތޮޅުގައި ޓޫރިޒަމް ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްޤީކުރުމެވެ. މިމަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިޒޯޓުތަކާއި، ހޮޓާތަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ 500މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިޕްރޮޖެކްޓްގައި އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން ބިން ހިއްކައިގެންނެވެ. މި މަޝްރޫޢު ވެގެންދާނީ ރަށުގައި ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

މުޅި ހުވަދުއަތޮޅުގައި ޑޮމެސްޓިކް 4 އެއަރޕޯޓް އަންނަނީ ހިންގަމުންނެވެ. އޭގެތެރެއިން ގއ.އަތޮޅުގައި ހިންގާ ހަމައެކަނި އެއަރޕޯޓް ކޫއްޑޫ އެއަރޕޯޓް ހިންގަމުންދަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

ރައީސްގެ ވިސްނުންފުޅަކީ ވިލިނގިލީގައި އެއަރޕޯޓް ތަރައްޤީކޮށް ބޭނުންކުރަން ފެށުމުން، މިހާރު މި ސަރަޙައްދުގައި ބޭނުންކުރަމުންދާ ކޫއްޑޫ އެއަރޕޯޓް ޓްރެއިނިން އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.