އައްޑޫ ބްރިޖްގެ އެމްއޯޔޫގައި ސޮއިކޮށްފި
ސަރުކާރުން އައްޑޫގައި އަޅަން ނިންމާފައުވާ ބްރިޖްގެ އެމްއޯޔޫގައި ސޮއިކޮށްފި އެވެ.
ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ”ދަ އަރަބް ކޮންޓްރެކްޓާސް“ އާއެވެ.
އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އިންފްރާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސް – އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯގެ ފަރާތުން ސޮއި ކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ.
މި ކުންފުނިން ބްރިޖުގެ ޑިޒައިނާއެކު އީއައިއޭ އާއި އެނަލިސް އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހަދާނެ އެވެ. އައްޑޫ ބްރިޖް އަޅަން ބޭނުންވާ ސާވޭތައް އެ ކުންފުނިން ހަދައި ދެނީ ހިލެ އެވެ. އެކަމަށް ދެމިލިއަން ޑޮލަރު ހޭދަވެ އެވެ. މި ސާވޭތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.
އަރަބް ކޮންޓްރެކްޓާސް ކުންފުންޏަކީ 1955 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. އެ ކުންފުނިން މެދުއިރުމައްޗާއި ޔޫރަޕު އަދި އޭޝިއާގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ. ޔޫރަޕުގެ ކޮސޯވޯ އާއި ބޮސްނިޔާ އަދި ޕޯލެންޑުގައި ވެސް މަޝްރޫއުތައް ހިންގަ އެވެ. ގިނަ އަދަދެއްގެ ބްރިޖުގެ މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެކެވެ. އެފްރިކާ ބައްރުގައި ބްރިޖެ އެޅުމުގެ މަސައްކަތްތަކުގައި އެންމެ ގާބިލް އެއް ކުންފުންޏެވެ. ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ ”ތަހްޔާ އަލް މިސްރް“ ބްރިޖަކީ ވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެޅި ބްރިޖެކެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައި ވެއެވެ.