ފާތިޙާ ސޫރަތް (سورة الفاتحة) 3

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 28 ސެޕްޓެންބަރު 2016 އާ ގުޅޭ..

މައުމޫމުން ސޫރަތުލް ފާތިޙާ ކިޔަން ނުޖެހޭ ޙާލަތްތައް:

ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެއް ކަމާއި، އެކަނި ހުރެ ނަމާދު ކުރާ މީހާވެސް، އިމާމުވެސް އަދި މައުމޫމު ވެސް ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެ ކަން ބަޔާން ކޮށް ދަލީލުތައް އިސްވެ ހިނގައްޖެއެވެ

އިޝްތިހާރު Below Header ad

މައުމޫމްވެ ހުރެ ނަމާދު ކުރާ މީހުން ދެ ޙާލަތެއްގައި ސޫރަތުލް ފާތިޙާ ނުކިޔެވިޔަސް ފުދެއެވެ. އެއީ:

  1. އިމާމާ ރުކޫޢުގައި އޮއްވާ ޖަމާޢަތުގައި ބައިވެރިވާ މީހާ، އޭނާ ސީދާ ދާނީ ރުކޫޢަށެވެ. އޭނާ ސޫރަތުލް ފާތިޙާ ނުކިޔެވި ނަމަވެސް ކިޔެވިފަދައެވެ. އޭނާގެ ނަމާދު ޞައްޙަވާނެއެވެ. ދަލީލަކީ: حديث أبي بكرة رضي الله عنه أَنَّهُ انْتَهَى إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ رَاكِعٌ فَرَكَعَ قَبْلَ أَنْ يَصِلَ إِلَى الصَّفِّ ، فَذَكَرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ( زَادَكَ اللَّهُ حِرْصًا وَلا تَعُدْ ) رواه البخاري ( 783) .. އަބީބަކްރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެވެ. އެކަލޭގެފާނަށް ނަމާދަށް އާދެވުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢުގައި އޮންނަވަނިކޮށެވެ. އެކަލޭގެފާނު ޞަފަށް ނާރުއްވާ ރުކޫޢަށް ވަޑައިގަތެވެ. އަދި ނަމާދުން އަވަދިވެ ވަޑައިގެން އެވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. “ތިބާ ނަމާދަށް ތިޔަ ބަހައްޓާ ފަރުވާތެރިކަން ﷲ އިތުރުކޮށް ދެއްވާށިއެވެ. ނަމަވެސް ދެން ތިޔަ ގޮތަށް ކަންތައް ނުކުރައްޗެވެ.”

މި ޙަދީޘުން ދަލީލު ނެގޭ ގޮތަކީ: އިމާމާ އާއި އެކު ރުކޫޢު ލިބުން އެއީ ރަކްޢަތް ލިބުން ކަމުގައި ނުވާ ނަމަ އަބޫބަކްރާ އަށް އެރަކްޢަތް ގަޟާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވީހެވެ. އެރަކްޢަތުގައި އެކަލޭގެފާނަށް ސޫރަތުލް ފާތިޙާ ވެސް ކިޔެވިފަ އެއް ނޯންނާނެއެވެ. ވީމާ، މިއިން ދޭހަވަނީ އިމާމާ އާއި އެކު ރުކޫޢު ލިބިއްޖެނަމަ ރަކްޢަތް ލިބޭނެ ކަމެވެ.

  1. ޖަމާޢަތުގައި ބައިވެރިވީ އިމާމާ ރުކޫޢަށް ދާން ކައިރިވެފައިވަނި ކޮށް ކަމަށްވުމުން، ސޫރަތުލް ފާތިޙާ ކިޔަވާނެ ވަގުތު މައުމޫމަށް ނުލިބުން. މިފަދަ ޙާލަތުގައި އިމާމާ އާއި އެކު ރުކޫޢުކޮށް ނަމާދު ފުރިހަމަ ކުރާނީ އެވެ. އަދި އެރަކްޢަތް ގަޟާ ކުރާކަށްވެސް ނުޖެހޭނެއެވެ. އޭނާވެސް ސޫރަތުލް ފާތިޙާ ކިޔެވިފަދަ އެވެ.

އަލްއިމާމް އައްޝީރާޒީ ރަޙިމަހުﷲ ވިދާޅުވިއެވެ.

އިމަމާ އާއި އެކު ރަކްޢަތުގައި ބައިވެރިވެ، ދުޢާއުލް އިސްތިފްތާޙު ކިޔަވަން ވެއްޖެނަމަ ސޫރަތުލް ފާތިޙާ ކިޔަވާނެ ވަގުތު ނުލިބޭނެހެން ހީވެއްޖެނަމަ، އެމީހަކު ދުޢާއުލް އިސްތިފްތާޙު ކިޔުމުގެ ބަދަލުގައި ސޫރަތުލް ފާތިޙާ އިން ފަށާނީއެވެ. އެހެނީ ސޫރަތުލް ފާތިޙާ ކިޔެވުމަކީ ފަރްޟެކެވެ. ދުޢާއުލް އިސްތިފްތާޙު ކިޔުމަކީ ސުންނަތެކެވެ. ސުންނަތެއްގެ ސަބަބުން ފަރްޟެއް ދޫކޮށް ނުލެވޭނެއެވެ.”

  1. އޭނާ އަށް ސޫރަތުލް ފާތިޙާގެ އެއްބައި ކިޔެވުނު ތަނުން އިމާމާ ރުކޫޢަށް ގޮސްފިނަމަ އޮތީ ދެގޮތެކެވެ. އެއީ:
  2. ކިޔެވުން ދޫކޮށްލާފައި އިމާމާ އާއި އެކު ރުކޫޢު ކުރުމުވެ. ސަބަބަކީ އިމާމާ އާއި އެކު ނަމާދު ކުރުން އެދެވިގެންވާތީވެއެވެ.
  3. އިމާމާ ރުކޫޢު ނިންމުމުގެ ކުރިން ސޫރަތުލް ފާތިޙާ ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްނަމަ ސޫރަތުލް ފާތިހާ ފުރިހަމަ ކޮށްފައި ރުކޫޢަށް ދިޔުމެވެ.

ނަމާދުގައިވެސް އަދި ނަމާދުން ބޭރުގައިވެސް ސޫރަތުލް ފާތިޙާ ކިޔަވާ ނިމުމުން “އާމީން” ކިޔުން:

އެކަނި ހުރެ ނަމާދު ކުރާ މީހާވެސް އަދި އިމާމުންވެސް އަދި މައުމޫމުންވެސް ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން “އާމީން” ކިޔުމަކީ ސުންނަތެކެވެ. ބާރަށް ކިޔަވާ ރަކްޢަތްތަކުގައި ބާރަށެވެ.

ނަމާދުން ބޭރުގައިވެސް ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން “އާމީން” ކިޔުމަކީ ސުންނަތެކެވެ.

ދަލީލުތައް:

  1. روى البخاري (780) ، ومسلم (410) عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال : ( إِذَا أَمَّنَ الْإِمَامُ ، فَأَمِّنُوا ، فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلَائِكَةِ ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ) ، وقال ابن شهاب : وكان رسول الله صلى الله عليه وسلم ، يقول : آمين .މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އިމާމާ އާމީން ކިޔުމުން ތިޔަބައިމީހުންވެސް އާމީން ކިޔާށެވެ. ހަމަކަށަވަރުން އެމީހެއްގެ އާމީން ކިޔުމާއި މަލާއިކަތް ބޭކަލުންގެ އާމީން ވިދާޅުވުމާއި ދިމާވެއްޖެ މީހާގެ އިސްވެދިޔަ ހުރިހާ ފާފަ އެއް ފުއްސަވައި ދެއްވާނެއެވެ.”   އިބްނު ޝިހާބު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާމީން ވިދާޅުވި އެވެ.”
  2. روى البخاري (782) عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( إِذَا قَالَ الْإِمَامُ : ( غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ) ، فَقُولُوا : آمِينَ ، فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلَائِكَةِ ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ) .   މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އިމާމް މީހާ  ( غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ )ކިޔުމުން ތިޔަބައިމީހުން “އާމީން” ކިޔާ ހުށިކަމެވެ. ހަމަކަށަވަރުން އެމީހެއްގެ އާމީން ކިޔުމާއި މަލާއިކަތް ބޭކަލުންގެ އާމީން ވިދާޅުވުމާއި ދިމާވެއްޖެނަމަ އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަ އެއް ފުއްސަވައި ދެއްވާނެއެވެ.”
  3. وروى أبو داود (932) عن وائل بن حجر رضي الله عنه قال : كان رسول الله صلى الله عليه وسلم : إذا قرأ ( وَلَا الضَّالِّينَ ) ، قال : آمين ، ورفع بها صوته ، وصححه الشيخ الألباني في ” صحيح سنن أبي داود ” .މާނައަކީ: މާތް ﷲ ރުއްސުންލެއްވި ވާއިލު ބިން ޙިޖްރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (وَلَا الضَّالِّينَ ) ކިޔަވާ ވިދާޅުވުމަށް ފަހު “އާމީން” ވިދާޅުވެއެވެ. އަދި މިފަދައިން ވިދާޅުވުމުގައި އެކަލޭގެފާނުގެ އަޑުފުޅު އުފުއްލަވައެވެ.

އާމީން ކިޔާނެ ގޮތް:

އިބްނު ގުދާމާ ރަޙިމަހުﷲ އެކަލޭގެފާނުގެ (އަލްމުޣްނީގެ 1/291) ގައި ވިދާޅުވެފައިވެއެވެ.

“އިމާމް މީހާ (وَلَا الضَّالِّينَ  ) ކިޔާ “އާމީން” ކިޔަމް ވާނެއެވެ. އަދި މައުމޫމުންވެސް “އާމީން” ކިޔަން ވާނެއެވެ. އެއީ އިމާމް އާއި މައުމޫމްގެ ޙައްގުގައި ސުންނަތް ވެގެންވާ ކަމެކެވެ. އަޑުހަރު ކޮށް ކިޔަވާ ރަކްޢަތްތަކުގައި އަޑުހަރުކޮށް “އާމީން” ކިޔުމާއި، ސިއްރުން ކިޔަވާ ރަކްޢަތްތަކުގައި ސިއްރުން “އާމީން” ކިޔުން އިމާމް އާއި މައުމޫމް އަށް ސުންނަތް ވެގެން ވެއެވެ.

އިމާމް އަބޫޙަނީފާ އަދި އިމާމް މާލިކްގެ އެއް ގައުލެއްގައި ވެއެވެ. “އާމީން” ކިޔުން ސުންނަތް ވެގެންވަނީ މަޑުންނެވެ. އެހެނީ އެއީ ތަޝައްހުދު ފަދައިން ދުޢާ އެކެވެ. ދުޢާ ކުރުން ބޮޑަށް އެދެވިގެން ވަނީ މަޑުންނެވެ.

ރާޖިޙް ގޮތް: ނަމަވެސް، މިމައްސަލާގައި ރާޖިޙް އެންމެ ރަގަޅު ގޮތަކީ “އާމީން” ބާރަށް ކިޔުމެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ “އާމީން” ވިދާޅުވެފައިވަނީ އަޑުހަރުކޮށް ކަމަށްވާތީވެއެވެ.

އަދި އިމާމާ “އާމީން” ކިޔުމުން މައުމޫމުންވެސް “އާމީން” ކިޔުމަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވާތީވެއެވެ. އިމާމާ ބާރަށް ނުކިޔާ ނަމަ މައުމޫމުންނަށް ނޭނގުނީހެވެ. ނަމަވެސް، އިމާމާ ކިޔުމުން މައުމޫމުންވެސް ކިޔާށޭ އޮތުމުން ދޭހަވަނީ ބާރަށް ކިޔުމެވެ.

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ.

“ސޫރަތުލް ފާތިޙާ ކިޔަވައިފި ކޮންމެ މީހަކު “އާމީން” ކިޔުން އެދެވިގެން ވެއެވެ. ނަމާދުން ބޭރުގައި ކިޔެވި ނަމަވެސް އެވެ. ވަކިން ޚާއްޞަކޮށް ނަމާދު ތެރޭގައި ކިޔަވާ ނިމިގެންނެވެ. އެއީ އެކަނި ހުރެ ނަމާދު ކުރިނަމަވެސް، ނުވަތަ އިމާމްވެ ހުރެ ނަމާދު ކުރިނަމަވެސް، ނުވަތަ މައުމޫމްވެ ހުރެ ނަމާދު ކުރިނަމަވެސް އެވެ. (ތަފްސީރު އިބްނު ކަޘީރު 1/144-145)

ފަޟީލަތުއް ޝައިޚް އިބްނު ބާޒް ރަޙިމަހުﷲ- ވިދާޅުވިއެވެ.

“ސޫރަތުލް ފާތިޙާގެ ފަހުގައި “އާމީން” ކީ ކަމުގައި ވީނަމަވެސް އެއީ ސޫރަތުލް ފާތިޙާގެ އާޔަތެއް ނޫނެވެ. ނަމަވެސް، އެއީ ދުޢާ އެކެވެ. އޭގެ މާނައަކީ: “ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ދުޢާ އިޖާބަ ކޮށް ދެއްވާފާންދޭވެ.” މިއެވެ. މިފަދައިން ކިޔުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ސޫރަތުލް ފާތިޙާ އަށް ފަހުގައި ކިޔުން ސުންނަތް ވެގެންވެއެވެ. ނަމާދުގައި ވިޔަސް ނަމާދުން ބޭރުގައި ވިޔަސް އެވެ. އިމާމް އާއި މައުމޫމް އަދި އެކަނި ހުރެ ނަމާދު ކުރާ މީހާވެސް އެވެ.”  (http://www.ibnbaz.org.sa/mat/10320)

އަލަށް އިސްލާމްވާ މީހުން ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުން:

ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެއް ކަމާއި، އެޔާއި ނުލާ ނަމާދު ޞައްޙަ ނުވާނެ ކަމާއި، އެކަނި ހުރެ ނަމާދުކުރާ މީހާ އާއި އިމާމްވެ ހުރެ ކުރަ މީހާ އަދި މައުމޫމްވެ ހުރެ ނަމާދު ކުރާ މީހާ ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެ ކަން އިސްވެ ބަޔާން ކުރެވުނު ވާހަކަތަކާއި ދަލީލުތަކުގެ އަލީގައި ސާފުވެއެވެ.

عن هِشَامِ بْنِ زُهْرَةَ ، يَقُولُ : سَمِعْتُ أَبَا هُرَيْرَةَ ، يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” مَنْ صَلَّى صَلاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ ، هِيَ خِدَاجٌ ، هِيَ خِدَاجٌ غَيْرُ تَمَامٍ ” ، فَقُلْتُ : يَا أَبَا هُرَيْرَةَ ، إِنِّي أَحْيَانًا أَكُونُ وَرَاءَ الإِمَامِ ، فَغَمَزَ ذِرَاعِي وَقَالَ : اقْرَأْ بِهَا يَا فَارِسِيُّ فِي نَفْسِكَ ، فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : قَالَ اللَّهُ تَعَالَى : ” قَسَمْتُ الصَّلاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ ، فَنِصْفُهَا لِي ، وَنِصْفُهَا لِعَبْدِي ، وَلِعَبْدِي مَا سَأَلَ ” ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” اقْرَءُوا يَقُولُ الْعَبْدُ : الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ سورة الفاتحة آية 2 ، يَقُولُ اللَّهُ : حَمِدَنِي عَبْدِي ، يَقُولُ الْعَبْدُ : الرَّحْمَنِ الرَّحِيمِ سورة الفاتحة آية 3 ، يَقُولُ اللَّهُ : أَثْنَى عَلَيَّ عَبْدِي يَقُولُ الْعَبْدُ : مَالِكِ يَوْمِ الدِّينِ سورة الفاتحة آية 4 ، يَقُولُ اللَّهُ : مَجَّدَنِي عَبْدِي ، وَهَذِهِ الآيَةُ بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ ، إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ سورة الفاتحة آية 5 فَهَذِهِ الآيَةُ بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ ، يَقُولُ الْعَبْدُ : اهْدِنَا الصِّرَاطَ الْمُسْتَقِيمَ { 6 } صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ { 7 } سورة الفاتحة آية 6-7 فَهَؤُلاءِ لِعَبْدِي ، وَلِعَبْدِي مَا سَأَلَ ” . السنن الكبرى للنسائي » كِتَابُ الْمَسَاجِدِ » أَبْوَابُ السُّتْرَةِ » الْبِدَايَةُ بِفَاتِحَةِ الْكِتَابِ قَبْلَ السُّورَةِ … މާނައަކީ: ހިޝާމް ބިން ޒުހްރާގެ ކިބައިން ރިވާވެގެން ވެއެވެ. އަބޫހުރައިރާ ރަޟިޔަﷲ އަންހު ވިދާޅުވާތީ އަޑު އެއްސެވީމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އުއްމުލް ކިތާބި (ސޫރަތުލް ފާތިޙާ) ނުކިޔަވާ ނަމާދު ކޮށްފި މީހާގެ ނަމާދަކީ އުނިވެގެންވާ އެއްޗެކެވެ. އުނިވެގެންވާ އެއްޗެކެވެ. އުނިވެގެންވާ އެއްޗެކެވެ. ފުރިހަމަ އެއް ނުވެއެވެ.” ހުޝާމް ބިން ޒުހްރާ ވިދާޅުވިއެވެ. ތިމަންނާ އަބޫހުރައިރާގެ ގާތުގައި ދެންނެވީމެވެ. “އަހަރެން ބައެއް ފަހަރަށް އިމާމާގެ ފަހަތުގައި ހުންނަމެވެ.” މި ވިދާޅުވިތަނުން އަބޫހުރައިރާ ހިޝާމްގެ އަތުގައި ހިއްޕަވާ ދަންމަވާލެއްވުމަށް ފަހުގައި ވިދާޅުވިއެވެ. “އޭ ފާރިސީއެވެ. ތިބާ އަމިއްލަ ނަފްސަށް އެސޫރަތް ކިޔަވާށެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. “ﷲ ތަޢާލާ ގުދްސިއްޔަ ޙަދީޘެއްގައި ވަޙީ ކުރެއްވިއެވެ. ތިމަން ﷲ އާއި ތިމަން ﷲގެ އަޅާ އާއި ދެމެދުގައި ނަމާދު ދެބަޔަކަށް ބެއްސެވީމެވެ. އެއްބައި ތިމަން ﷲ އަށެވެ. އަނެއްބައި ތިމަން ﷲ ގެ އަޅާ އަށެވެ. ތިމަން ﷲ ގެ އަޅާ އެދުނު ކަމެއް އެމީހަކަށް ދެއްވާނަމެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އަޅާ (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ  ) ކިޔައިފިނަމަ، ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ ގެ އަޅާ ޙަމްދު ކޮށްފިއެވެ. އަޅާ (الرَّحْمَنِ الرَّحِيمِ ) ކިޔައިފިނަމަ، ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޘަނާ ކިޔައިފިއެވެ.” އަޅާ (مَالِكِ يَوْمِ الدِّينِ  ) ކިޔައިފިނަމަ، ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ ގެ އަޅާ ތިމަން ﷲ މަތިވެރި ކޮށްފިއެވެ. އަދިވެސް ވަޙީ ކުރައްވައެވެ. އަޅާގެ ކަންތައްތައް ތިމަން ﷲ އާއި ޙަވާލު ކޮށްފިއެވެ. މި އާޔަތްވަނީ ތިމަން ﷲ އާއި އަޅާ އާއި ދެމެދުގައެވެ. އަޅާ އެދުނު ކަމެއް އޭނާ އަށް ދެއްވާ ހުށީމެވެ.” އަޅާ (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ  ) ކިޔަވައިފިނަމަ، ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. “މި އާޔަތް ވަނީ ތިމަން ﷲ އާއި އަޅާ އާއި ދެމެދުގައެވެ. އަޅާ ބޭނުން ކަމެއް ތިމަން ﷲ ދެއްވާހުށީމެވެ.” އަޅާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ { 6 } صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ { 7 }   ) ކިޔަވައިފިނަމަ، ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. “މިކަންތައްތައް ވަނީ ތިމަންﷲ ގެ އަޅާ އަށެވެ. ތިމަން ﷲ ގެ އަޅާ ބޭނުން ކަމެއް އޭނާ އަށް ދެއްވާހުށީމެވެ.”

އެހެންކަމުން، ނަމާދު ކުރާ މީހާ ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނީ ޢަރަބި ބަހުން ބާވާލެއްވުނު ގޮތަށެވެ.  ޢަރަބި އަކުރު ބާވާލެއްވުނު ގޮތަށް ކިޔަން ނޭނގޭ މީހުންގެ މައްޗަށް ވާޖިބު ވެގެން ވަނީ ރަގަޅަށް އަކުރު ކިޔަން ދަސްކޮށްގެން ކިޔެވުމެވެ. އޭނާ މަސައްކަތްކޮށްވެސް ތަޖްވީދު މަގުން ކިޔަން ނޭނގިއްޖެނަމަ އޭނާގެ ކިބައިން އެކަން މާފު ވެގެން ވެއެވެ. ސަބަބަކީ އެއްވެސް ނަފްސަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް މާތް ﷲ ނުޖައްސަވައެވެ. ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا  ) މާނައަކީ: ” اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ.”

މީހަކަށް ސޫރަތުލް ފާތިޙާ ކިޔަވަން ނޭނގުން، ނުވަތަ ދަސްކުރާނެ ފުރުޞަތު ނުލިބުން، ނުވަތަ އިސްލާމްވެ ނަމާދު ވަގުތު ޖެހުމާއި ދެމެދުގައި ސޫރަތުލް ފާތިޙާ ދަސްކުރާނެ ވަގުތު ނުލިބިއްޖެނަމަ، އޭނާ ކަންތައް ކުރަން ޖެހޭނެ ގޮތް އަންނަނިވި ޙަދީޘްގައި ވަނީ ބަޔާން ކޮށް ދެއްވާފައެވެ.

عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى ، قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا يُجْزِئُنِي مِنَ الْقُرْآنِ فَإِنِّي لا أَقْرَأُ ، قَالَ : ” قُلْ : سُبْحَانَ اللَّهِ ، وَالْحَمْدُ لِلَّهِ ، وَلا إِلَهَ إِلا اللَّهُ ، وَاللَّهُ أَكْبَرُ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ ” , قَالَ : فَضَمَّ عَلَيْهَا الرَّجُلُ بِيَدِهِ وَقَالَ : هَذَا لِرَبِّي فَمَاذَا إِلَيَّ ؟ , قَالَ : ” قُلِ : اغْفِرْ لِي ، وَارْحَمْنِي ، وَاهْدِنِي ، وَارْزُقْنِي ، وَعَافِنِي ” , قَالَ : فَضَمَّ عَلَيْهَا بِيَدِهِ الأُخْرَى وَقَامَ . رواه النسائي (924) وأبو داود (832) .  މާނައަކީ: ޢަބްދުﷲ ބިން އަބީ އައުފަގެ ކިބައިން ރިވާވެގެން ވެއެވެ. މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ އެވެ. ގުރްއާނުން ތިމަންނާ އަށް ފުދޭނެ މިންވަރެއް ދަސްކޮށްދެއްވާށެވެ. ހަމަކަށަވަރުން ތިމަންނާ އަށް ގުރްއާން ކިޔަވާކަށް ނޭނގެއެވެ.” ޙަދީޘް ކުރެއްވިއެވެ. ތިބާ ކިޔާށެވެ. “ސުބްޙާނަﷲ، ވަލްޙަމްދުލިއްލާހި، ވަލާ އިލާހަ އިއްލަﷲ، ވަﷲ އަކްބަރު، ވަލާ ޙައުލަވަލާ ގުއްވަތަ އިއްލާ ބިﷲ.” އެހިނދު އެމީހާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުގެ އެއް އަތުން ހިފާލުމަށްފަހު ގައި ބުންޏެވެ. “މިއީ ތިމަންނާގެ ރައްބަށް އޮތް ކަމެކެވެ. ތިމަންނާ އަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟” ޙަދީޘް ކުރެއްވިއެވެ. “ތިބާ ކިޔާށެވެ. (اغْفِرْ لِي ، وَارْحَمْنِي ، وَاهْدِنِي ، وَارْزُقْنِي ، وَعَافِنِي  )މާނައީ (މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވަ، ހިދާޔަތް ދައްކަވާ، ރިޒްގު ތަނަވަސް ކޮށް ދެއްވާ، ޢަފޫކޮށް ދެއްވާފާންދޭވެ.) ދެން އެމީހާ އަނެއް އަތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުގައި ހިއްޕެވުމަށްފަހުގައި ތެދުވެއްޖެ އެވެ.

ނުނިމޭ…

ދެން އަންނަން އޮތް ބައިގަ….

“ގުރްއާނުން އެއްވެސް މިންވަރެއް ރަގަޅަށް ކިޔަވަން ނޭނގޭނަމަ، އަދި ނަމާދު ވަގުތު ނިމުމުގެ ކުރިން ދަސްކުރުމުގެ ކުޅަދާނަކަން ނެތްނަމަ، އޭނާ ކިޔުމަށް ލާޒިމް ވެގެން ވަނީ ……………….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.