އޯޓިޒަމް: އަހަރެމެންނަށް އެނގެނީ ކިހާ ވަރަކަށް؟

އޯޓިޒަމް ކުދިންގެ ބެލެނިވެރިންނަށް ގޭތެރޭގައާއި ބޭރުގައި ހާސްވެ ކަންބޮޑުވާން ޖެހޭފަދަ ވަގުތުތަކާއި ކުރިމަތިލާން ޖެހުމަކީ މަދެއްކޮށް ދިމާވާ ކަމެއް ނޫނެވެ. އެކުދިން ހާޅެއްލަވައި، އެނބުރި، އެކި ކަހަލަ އަޑު ގޮއްވައި ނުވަތަ ބުނާ ގޮތް ނުހަދަން ފެށުމުން ނުވަތަ ވަށައިގެންވާ މާޙައުލުގައި ހިނގާ ކަންތައްތައް ނުވިސްނިގެން އުޅުމުން، ކައިރީގައި ތިބޭ މީހުންގެ ނުރުހުމުގެ ބެލުންތަކާއި، ބައެއްފަހަރު ސިއްރު ފާޑުކިޔުންތަކާއި ވެސް ކުރިމަލާން ޖެހޭ ފަހަރު އާދެއެވެ. ޤަބޫލު ކުރަން ދަތި ނަމަވެސް، އެކި ގޮތްގޮތުން އަދި އެކި ވަރުވަރަށް ނަމަވެސް، ވަރަށް ގިނަ މުޖުތަމަޢު ތަކުގައި އޯޓިޒަމް ސިފަވެފައި އޮންނަނީ ވަރަށް ވެސް ދެރަކޮށެވެ. އެކުދިންނަކީ ބަސްނާހާ ކުދިންގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ނިންމައެވެ.

އެހެންނަމަވެސް، އެކުދިންގެ ސިކުނޑީގައި ހިނގާ ކަންތައްތައް އަހަރެމެންނަށް ވިސްނި އެނގޭނަމަ، އެކުދިންގެ އަމަލުތައް އެގޮތަށް ހުންނަނީ ކީއްވެކަން އަހަރެމެންނަށް ވިސްނެން ފަސޭހަވާނެ، އެހެންނޫންތޯއެވެ.

އިޝްތިހާރު Below Header ad

އިންސާނާގެ ސިކުންޑިއަކީ އަޖައިބު ކުރުވަނިވި އެއްޗެކެވެ. ވަށައިގެންވާ މާޙައުލުން އެއްފަހަރާ އެތައް މަޢުލޫމާތެއް ހޯދާ ނަގައިގަނެ، އަދި ހުރިހާ މަޢުލޫމާތެއް ވަގުތުން ރައްކާކުރުމުގެ ޤާބިލްކަން އެއަށް ލިބިގެންވެއެވެ. ވަށައިގެންވާ އަލިތަކަށް ލޯ ހޭނުވުމާއި، އަޑުތަކަށް ކަންފަތްތަށް ހާނުވައި، އަދި އެއްވަގުތެއްގައި އެތައް ކަމެއް ކުރުމާއި، އެއްވަގުތެއްގައި އެތައް ގުނަވަނަކަށް އަމުރުފޮނުވައި، ހިއްސުތައް ބަލަހައްޓަން ޖެހެއެވެ. އެހެންކަމުން ސިކުންޑިއަކީ އަބަދުވެސް މިހުރިހާ މަޢުލޫމާތެއް ވީހާވެސް އަވަހަށް ނަގައިގަނެ އަދި ރައްކާކުރުމަށް ޓަކައި ސިކުންޑި އަބަދުވެސް މަސައްކަތްކުރެވޭފަދަ މެކޭނިޒަމްއެއްގައި ހުންނަން ޖެހޭ އެއްޗެކެވެ.

މިސާލަކަށް، މަގުމަތީގައި ހުއްޓި ހުންނައިރު މަގުމަތީގައި 500 ގާބުރި ބާއްވާފައި އޮތްކަމާއި މަގުގެ އަނެއް ފަރާތުގައި 10 ގަސް އިންދާފައި ހުރިކަން، އަދި ގަސްތަކުން ފަތްތައް ފައިބަމުންދާކަން ސިކުނޑިއަށް ނަގައިގަނެއެވެ. މިހުރިހާ މަޢުލޫމާތެއް ސިކުނޑީގައި ވީހާވެސް އަވަހަށް ރައްކާކުރުމަށް ފަހު، މަގު ހުރަސްކުރުމުގައި ރައްކާތެރި ވާނެ ގޮތަކާއި ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވާނެ ގޮތަކާމެދު ވެސް ވަރަށް އަވަހަށް ވިސްނަން ޖެހެއެވެ. މިހުރިހާ ކަމެއް ކުރަނީ ސިކުންޑީގައިވާ “ފުސިފޯމް ގައިރަސް” ނަމަކަށްކިޔާ ސަރަހައްދަކުންނެވެ.

ހުރިހާ މަންޒަރުތަކެއް ފެނުމާއެކު މެސެޖް ފޮނުވަންޖެހޭ ހުރިހާ ހިއްސުތަކަކަށް އަދި ގުނަވަންތަކަށް މެސެޖް ފޮނުމުގައި ސިކުންޑި އަވަސްވެގަނެއެވެ. އެއްފަހަރާ އެތައް މަޢުލޫމާތެއް ރައްކާކޮށް، އެއްފަހަރާ އެތައް މެސެޖެއް ފޮނުވާލައެވެ. ހަމައެދަނޑިވަޅުގައި ހިއްސުތަކާއި ގުނަވަންތަކުން ދެން ކަންކުރަންވީ ގޮތުގެ އަމުރުތައްވެސް ފޮނުވާލައެވެ. މިހުރިހާ ކަމެއް ކުރަނީ ކުރިންބުނި ފުސިފޯމް ގައިރަސްއިންނެވެ. ސިކުނޑީގެ އެސަރަހައްދުގައި ހުންނަ ހުދު މާއްދާއަކީ މިހުރިހާ ކަމެއް ކުރާ އެއްޗެކެވެ.

autistic

އޯޓިޒަމް ކުދިންގެ ފުސިފޯމް ގައިރަސްގައި މިބުނާ ހުދުކުލައިގެ މާއްދާ ވަރަށް ކުޑައެވެ. ދިރާސާތަކުން ދައްކާގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ފުސިފޯމް ގައިރަސް އެހެން ކުދިންނަށްވުރެ ކުޑައެވެ. މީގެ މާނައަކީ އެކުދިންނަކީ އެހެން ކުދިންނަށްވުރެ ވިސްނުން ކޮށި ބަޔަކީތޯއެވެ! ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ.

އޭގެ މާނައަކީ، އެކުދިންގެ ސިކުނޑީގެ އެބައި އެހެންކުދިންނަށް ވުރެ މަދުން ބޭނުން ކުރެވޭނެ ކަމެވެ. އެއްފަހަރާ އެތައް ކަމަކަށް ސަމާލުކަންދީ، އެއްފަހަރާ އެތައް ކަމެއް ވިސްނައިގަނެ، އެއްވަގުތެއްގައި ދެން ކަން ކުރަންވީ ކިހިނެއްކަން ނަގައިގަތުމުގައި އެކުދިންނަށް ދަތިތަކާއި ކުރިމަތިވާނެ ކަމެވެ. ކަންތައްތަކަށް ސަމާލުކަން ދިނުމާއި މަޢުލޫމާތު ރައްކާކުރުން، މިދެކަންތައް އެއްފަހަރާ ކުރުމަށް އުނދަގޫ ވަނީއެވެ. އެހެންކަމުން އެކުދިން ގިނަފަހަރު އެދެކަންތައް ކުރާނީ ވަކިވަކިންނެވެ. ފުސިފޯމް ގައިރަސްގެ މަސައްކަތަކީ އެއްފަހަރާ ގިނަ އަދަދެއްގެ މެސެޖުތަކަކަށް އަމަލުކުރުމަށް އަވަސްވެގަނެ، އެއްފަހަރާ ގިނަ އަމުރުތަކެއް ނެރުންކަމަށް ވާއިރު، އޯޓިސްޓިކް ކުދިންގެ މިބައި ކުޑަވުމުން އެކުދިންނަށް ދެން ހަދަންވީ ގޮތަކާއި ހަމައަށް ވަގުތުން ދިއުމަށް އުނދަގޫވެއެވެ. އެހެންކަމުން ވަށައިގެންވާ މާހައުލުގެ ސަބަބުން އެކުދިން ހާސްވެ، ކަންތައްތައް ވަނީ ކިހިނެއް ކީއްވެކަން ވިސްނަން އުނދަގޫ ވެއެވެ. މީހުންގެ ތެރޭގައި އެކުދިންގެ އުޅުމަށް އަންނަ ބަދަލަކީ އެކަމުގެ ސަބަބުން އަންނަ ބަދަލެކެވެ.

 

އޯޓިޒަމް ސްޕެކްޓްރަމް ޑިސޯޑަރގެ އެންމެ މައިގަނޑު އެއް އަލާމާތަކީ، ކުރާ ހަރަކާތްތަކާއި ޝައުގުވެރިވާ ކަންތައްތަކާއި އުޅޭ އުޅުމުގައި އަދި ކުރާ ކަންތައްތައް ވަކި އޯޑަރަކަށް ތަކުރާރު ކުރުމެވެ. މިފަދަ ހަރަކާތްތަކުގެ ތެރޭގައި ދޮރުތައް ހުޅުވާ ލެއްޕުމާއި ކުޅޭ އެއްޗެހި ވަކި އޯޑަރަކަށް އެތުރުން، ނުވަތަ އެއްޗެހި އެނބުރުމަށް ޝައުގުވެރި ވުމާއި ކާގަޑީގައި ވަކި އެއްޗަކަށް ހާއްސަ ސަމާލުކަން ދިނުން ހިމެނެއެވެ.

autism

އަދި ވާހަކަ ދައްކާއިރު އެކައްޗަކާއި ބެހޭގޮތުން އެތައް ފަހަރަކު ތަކުރާރުކޮށް ސުވާލުކުރުން ވެސް ހިމެނެއެވެ. ގިނަފަހަރު އެކުދިން މިގޮތައް ކަންތައް ކުރަނީ އަމިއްލަ ސިކުނޑި ހަމަޖެއްސުމުގެ ގޮތުންނެވެ. އެކަމުން އެކުދިންގެ ސިކުނޑިއަށް ހަމަޖެހުން ލިބޭތީއެވެ. އެކުދިން އެގޮތަށް ކަންތައް ކުރާއިރު އެކުދިންނަށް ހުރަސްއެޅުމުން ނުރުހުން ވެސް ވާނެއެވެ. އޯޓިޒަމް ކުދިންނަށް ވަކި އުސޫލަކުން ކޮންމެ ކަމެއްވެސް ކުރުމަކީ އެކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ.

އޯޓިޒަމްއާއި އަދި އެނޫންވެސް އެފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބޭނުންތަކާއި އެކުދިންގެ ހާލަތު ރަނގަޅަށް ވިސްނައި ފަހުމްވުމަކީ އެކުދިން އިތުރަށް ދެނެގަތުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެކެވެ. ދިރިއުޅުމުގެ ކޮންމެ ހާލެއްގައި ވެސް އަދި މުޖުތަމަޢުގެ ކޮންމެ ކަމެއްގައި ވެސް އެހެން ކުދިންނެކޭ އެއްގޮތަށް އެކުދިންވެސް ބައިވެރި ކުރުމަކީ އެކުދިންނަށް ވެސް ލިބެންޖެހޭ ހައްޤެކެވެ.

އެކިކުދިންނަށް ސަމާލުކަން ބޭނުންވާނީ އެކި ވަރަށެވެ. އޯޓިޒަމް ކުދިންނަށް އެހެން ކުދިންނަށް ވުރެ ތަންކޮޅެއް އިތުރަށް ސަމާލުކަން ބޭނުންވި ނަމަވެސް، އެހެންކުދިންނެކޭ އެއްފަދައިން އެކުދިންގެ ވެސް އިހުސާސްތަކެއް ވެއެވެ. އެހެންކުދިންނެކޭ އެއްފަދައިން އެކުދިންނަކީ ވެސް ޤާބިލް ބައެކެވެ. އެކުދިންގެ ޤާބިލްކަން ދެނެގަތުމަކީ އަހަރެމެންގެ ޒިންމާއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.