
ސީ.އެސް.އާރް ގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީ އާއި އެމްޓީސީސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މީޑިއާތަކަށް އެމްޓީސީސީއިން މިއަދު އާންމުކުރި ޕްރެސް ރިލީސްއެއްގައި ހާމަ ކޮށްފައިވާ ގޮތުގައި، މިއަދު ސޮއި ކުރި އެމް.އޯ.ޔޫއަކީ، އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމަޢުއާއި ގުޅޭ ފަރާތްތައް މުޖުތަމަޢުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ”ރީއިންޓަރގްރޭޝަން އެންޑް އާފްޓަރ ކެއާރ“ ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސޮއި ކުރި އެމްއޯޔޫއެކެވެ.
މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.
މިއެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ- ސީއެސްއާރް)ގެ ދަށުންނެވެ. އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށެވެ. އަދި މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަޚްލާޤާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެ ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ. މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރެވޭ ތާރީޚުން ފެށިގެން 3 އަހަރު ދުވަހެވެ.
ތަފާތު އެކި ރޮނގު ރޮނގުން އިޖްތިމާޢީ ޒިންމާތައް އަދާކޮށްދީފައިވާ އަދި މިހާރުވެސް ފުޅާދާއިރާއެއްގައި އެފަދަ ޒިންމާތައް އަދާ ކުރަމުންދާ އެމްޓީސީސީއިން މަސައްކަތް ކުރަނީ މުޖުތަމަޢަށް ބޭނުންތެރި އަދި ޒިންމާދާރު ފަރުދުންތަކެއް ތަމްރީނު ކުރުމަށެވެ.
ރަގަޅު ސީ. އެސް. އާރު ޕްރޮގްރާމެއް. ސީ. އެސް. އާރު ޕްރޮގްރާމް އާއި ޓްރަސްޓް ފަންޑު ތައް ގިނަފަހަރަށް ބޭނުންކޮށްފައި ހުންނަނީ ސިޔާސީ މީހުން ނުވަތަ ވިޔަފާރިވެރިން ކުރަން ޖެހޭ ކަމެއް ކުރުން ލަސް ކޮށް ދިނުމަށް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ވާނެ ގޮތެއް ހެދުމަށް.