
އެމް.ޕީ.އެލް ސަރަހައްދުގައި ބަންދުކޮށްފައި ހުރި ކެމިކަލް ހަން ތަކެއް ލީކު ވެއްޖެ
މާލެ އެމް.ޕީ.އެލް ސަރަހައްދުގައި ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ލީކު ވެއްޖެއެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، މާލެ އެމް.ޕީ.އެލް ސަރަހައްދުގައި ހަންތަކެއްގައި ބަންދު ކޮށްފައި ހުރި ކެމިކަލްތަކެއް ލީކުވުމާއި ގުޅިގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދު ސާފު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެފަރާތުން ހާމަ ކޮށްފައި ވެއެވެ.
އަދި މި ހާދިސާއާއި ބެހޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކާގޯ ތަކަކުން ކެމިކަލް ރިއެކްޝަންއެއް ފާހަގަ ކުރެވިގެން އެކުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓުން ސޭފްޓިއަށް އަންގާފައިވާ ކަމަށާއި، އޮންނަ އުސޫލްގެ ދަށުން މިހާދިސާ ވަނީ އެމް.އެން.ޑީ.އެފް އަށް އަންގައި، އެކަން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެމް.ޕީ.އެލް ސަރަހައްދުގައި ހަންތަކުން ކެމިކަލް ލީކްވުމަށް މެދުވެރިވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަ ކޮށްފައެވެ ނުވެއެވެ.