
ބޮޑެތި އިނާމްތަކާއެކު ”މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1443“ ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި
ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްސަކޮށް، އެމަސް ފާހަގަ ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ޤުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. ”މާލޭ ސިޓީ ކައުންސިލްގެ ޢުރުއާން މުބާރާތް 1443“ ގައި ބައިވެރި ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި، އެކައުންސިލުން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނު ކޮށްފައެވެ.
އެއިޢުލާނުގައި ހާމަކޮށްފައިވާ ގޮތުގައި، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ގުރޫޕް އާއި ޖޫނިއަރ ގުރޫޕެވެ. އަދި މުބަރާތް ކުރިއަށް ދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ. ޖޫނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ
- 6 އަހަރުން ދަށް
- 9 އަހަރުން ދަށް
- 13 އަހަރުން ދަށް
ސީނިއަރ ގްރޫޕްގައި ބައިވެރިވެވޭ އުމުރުފުރާ ތަކަކީ:-
- 13 އަހަރުން މަތި
- 16 އަހަރުން ދަށް
- 19 އަހަރުން ދަށް
އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2022 އަށް ދަރިވަރަށް ކަނޑައެޅިފައިވާ އުމުރަށެވެ.
މުބާރާތުގައި ކޮންމެ ގްރޫޕަކުން ވެސް ވަނަ ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅަށް ކިޔަވާ ދަރިވަރުން ހޮވައި، ކޮންމެ ގްރޫޕަކުން ވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުން ވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ވަނަ ވަނައަށް ހޮވޭ ދަރިވަރުންނަށް ސެޓިފިކެޓާއި ޓްރޮފީގެ އިތުރުން ފައިސާގެ ބޮޑެތި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަނޑައެޅިފައިވާ އިނާމު ތަކަކީ:-
ކޮންމެ ގްރޫޕަކުން
- 1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މުޅިމުބާރާތުން
- 1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މި މުބާރާތާއި ބެހޭއުޞޫލާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެކައުންސިލްގެ އިޢުލާނުގައި ހާމަކޮށްފައި ވެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށެވެ.
މި މުބާރާތުގައި ބައިވެރި ވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 މާރޗް 2022 ގެ 2:00 ގެ ކުރިންނެވެ.