މީހުން ދައްކާ ދަޅައަކަށް ހެއްލޭ ބަޔަކަށް ދިވެހި ސިފައިން ވެގެން ނުވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބާގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ މިހާރު ޢަދުއްވުން ކުރިމަތިލާނީ ކަނޑި އާއި ބަޑި ހިފައިގެން ނޫން ކަމަށާއި ރީތި އެކި ނަން ކިޔާ ޖަމިއްޔާތަކުގެ ނަމުގައި ކަމަށެވެ.
އަދި ބޭރުގެ ޢަދުއްވުން ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް މީގެ އެތަކެއް އަހަރު ކުރިން އަލިރަސްގެފާނާއެކު ހަނގުރާމައަށް ނިކުތް ބައެއް ދިވެހިން ވަކި ހިސާބަކުން ފިލާ ރައްކާވި ކަމަށާއި ”މީދޫތަކުރު“ ފަދަ އަމިއްލަ އެދުމުން ފޯވެފައިވާ ޚާއިނުން އަދިވެސް ތިބޭނެ ކަމަށެވެ.
މީގެ އިތުރުން ތަމްރީނާއި ތަޢުލީމު ލިބިފައިވާ (ސިފައިންގެ ތެރޭން) ވަރުގަދަ މީހުން، މި ފަދަ ދަލުތަކުގައި ޖެހިގެން ދިޔަ މަންޒަރު ވަރަށް ފަހުން ފެނިފައިވާ ކަމަށާއި އެކަމަކު މިއީ އިރުކޮޅުކޮޅާ ފެންނަން ޖެހޭ މަންޒަރެއް ނޫން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
ޤައުމުގައި މިހާރު ކަންކަން ދިމާވަމުން އަންނަ ގޮތުން ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރި ނަމަވެސް އެކަން ސިފައިންނަށް އަމާޒުވާ ކަމަށާއި ސިފައިންގެ ތެރެ ހަލަބޮލިކޮށް، ފިތުނަ އުފެއްދުމަށް ބައެއް މީހުން ކަނޑަނޭޅި މަސައްކަތް ކުރަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޔުނީފޯމު އަޅައިގެން، ރެއާއި ދުވާލު ގައުމަށްޓަކައި މަސައްކަތްކުރާ ސިފައިންނަކީ މީހަކު އެއްޗެއް ދައްކާލާއިރަށް ހެއްލިގެންދާ ބަޔަކަށް ވެއްޖެ ނަމަ ޤައުމު ވަރަށް ނިކަމެތި ވެދާނެ ކަމަށާއި ދިވެހި އަސްކަރިއްޔާގެ ތެރޭގައި ދުނިޔޭގެ މަތީ ފެންވަރުގެ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ސިފައިން ގިނަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިފައިން ޤާއިމުކޮށް ރާއްޖޭގެ ދިފާޢީ ނިޒާމު މިހާރުވަނީ ވަރަށް ގަދަކޮށްފައި ކަމަށާއި ނޮވެމްބަރު ތިނެއްގެ ހާދިޘާ ފަދަ ކަމެއް ދެން ކުރިމަތިވެއްޖެ ނަމަ، ﷲގެ އިރާދަފުޅާ އެކު ”މިއީ ކިހާވަރެއްގެ ބައެއްކަން، ދިމާކުރާ ބަޔަކަށް އަންގައިދޭނެ“ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަސްކަރީ ހުނަރުގެ ގޮތުން ފާހަގަކޮށްލެވޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި ދިވެހި ސިފައިންނަށް މިހާރު ފައިތިލަ ޘާބިތު ކުރެވޭނެ ކަމަށެވެ.