ޚަބަރު ފީތާ

2021 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚިޠާބު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصَّـلاةُ وَالسَّلامُ عَلـى مُحَـمَّدٍ، وعَلَى آلِـهِ وَصَحْبِـهِ أجْمَعِـيْن.

މިއަދަކީ، ދިވެހިރާއްޖޭގެ 34 ވަނަ ފަޚުރުވެރި ނަޞްރުގެ ދުވަހެވެ. ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. މާތް ﷲގެ ވާގިފުޅާއެކު މި ލޮބުވެތި ވަޠަނަށް ނަޞްރު ހޯއްދަވައިދެއްވުމަށް، 3 ނޮވެންބަރު 1988ގައި ހިތްވަރާއި ޢަޒުމާއެކު ހަނގުރާމަކޮށް ޝަހީދުވެދިޔަ ޤައުމީ ބަޠަލުންގެ ހަނދާން އައުކޮށް، އެ ޝަހީދުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުންނެވެ. ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންނެވެ. މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަހެވެ. މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ.އެ ބޭފުޅުން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެކެވެ.

ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު،މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމުގައެވެ. އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެކެވެ. އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެކެވެ. ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެކެވެ.

އެހެން ނަމަވެސް، ދިވެހި ރައްޔިތުން އެ ދުވަހުވެސް އުއްމީދު ކަނޑައެއްނުލައެވެ. ދިވެހި ޢަސްކަރިއްޔާއަށް އޮތް އިތުބާރު ދެމެހެއްޓިއެވެ. ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިނެވެ. ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި ޢަޤީދާއެވެ. މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަވައި، ނަޞްރު ދެއްވުން އެދި ކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވަމުން ގެންދިޔައެވެ. އެ ދުޢާތައް އިޖާބަކުރައްވައި، ދިވެހި ސިފައިން އެދުވަހު ކުރި ވަރުގަދަ ޖިހާދަށް ކާމިޔާބު ދެއްވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދުކުރަމެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެކެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ. އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަމެވެ. ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންނެވެ. ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަން ކަށަވަރެވެ. އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، މިނިވަން ޤައުމެއްގެ ގޮތުގައި ތާއަބަދު މި ލޮބުވެތި ވަޠަން ލެއްވުމެވެ. އަދި މި ލޮބުވެތި ވަޠަންގެ ޙައްޤުގައި، ދީނާއި ޤައުމަށްޓަކައި ހަނގުރާމަކުރާ މުޖާހިދުންނަށް، ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރުކޮށްދެއްވުމެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: