
އއ.ބޮޑުފޮޅުދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވައިފި
އއ.ބޮޑުފޮޅުދޫގައި އަލަށް ޢިމާރާތްކުރެވުނު ”މަސްޖިދުއް ތަޤްވާ“، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފި އެވެ. ދައުލަތުގެ ބަޖެޓުން ޖުމްލަ 4.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރާބައިގެ ބޮޑުމިނުގައި 2604 އަކަފޫޓު ހުރެ އެވެ. މި މިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.
”މަސްޖިދުއް ތަޤްވާ“ ޢިމާރާތްކުރުމަށް ބިންގާ އަޅާފައިވަނީ 29 އޮކްޓޯބަރ 2019 ވަނަ ދުވަހު އެވެ. ނަމަވެސް މަސައްކަތްތައް ނުނިމުގެ ސަބަބުން ކޮންޓްރެކްޓް ބާޠިލްކޮށް 2 ވަނަ ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައިވަނީ 22 ޑިސެމްބަރ 2020 ވަނަ ދުވަހު އެވެ. 1 ފަންގި ފިލާއަށް ހަދާފައިވާ މި މިސްކިތް އެއްކޮށް ނިންމާލެވިފައިވަނީ 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހު އެވެ.