
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފިއެވެ.
މިކަން ހާމަވެފައި ވަނީ، އެމިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަން އަންގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމުންނެވެ.
މިމަހު 14 ވަނަ ދުވަހު ހޯމް މިނިސްޓަރަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުންދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ދުވަހެއް ކަމުގައި ސިޓީގައި ބުނެފައި ވަނީ މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން ދެން އެމިނިސްޓްރީއިން އަދާކުރަންޖެހޭ ޒިންމާތައް ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ޒިންމާތަކެއް ކަމެއް ސާފެއް ނުވެއެވެ.
ސިޓީގައި އިތުރަށް ބުނެފައި ވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ހިންގަމުން ގެންދިއުމަށެވެ. ފުލުހުންގެ މުއައްސަސާގެ އިތުރުން ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އައީ މޯލްވެސް ކަރެކްޝަނަލް ސާވިސްއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއެވެ.
ސޯޝަލް މީޑިއާގައި ލީކުވެފައިވާ މިސީޓީއާއި ބެހޭގޮތުން އަދި މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.