އެޕާޓްމަންޓް ކުއްޔަށް ދޭނެކަމަށްބުނެ އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން އެޑްވާންސަށް ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންއަންނަ ކަމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނެފިއެވެ.
މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މ. ގްރީންޕީކް ޢަލީ ނަސީމް (40އ) އެވެ.
ވީމާ ޢަލީ ނަސީމްއާ މިފަދަ މުޢާމަލާތެއްކޮށް ފައިސާ ދައްކާފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް މައްސަލަ ހުށަހެޅުއްވުމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވުން އެދެމެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ސަމާލުކަން ދެއްވުމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ އިލްތިމާސްކުރަމެވެ.