ޚަބަރު ފީތާ

އުރީދު އަތޮޅު ދުވުމުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި 31 ގެ ނިޔަލަށް އިތުރުކޮށްފި

އުރީދު އަތޮޅު ދުވުމުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި 31 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެ ދުވުމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ވީހާވެސް ގިނަ މީހުންނަށް މި ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މި ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު 31 ޖުލައި ގެ ހަވީރު 6 ޖަހަންދެން އޮންލައިން ޕޯޓަލް: ore.do/regstr މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ހަމައެއާއެކު ރެޖިސްޓަރވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި 31 ޖުލައިގެ މެންދަމު 12ގެ ކުރިން ވަރޗުއަލް ބިބް ޝެއަރކޮށްގެން އަތޮޅު ދުވުމުގެ ޓީޝަރޓެއް ހޯދުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފަ އެވެ.

އުރީދޫގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ މިއަހަރުގެ ދުވުމުގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރ ގެ ކެޓެގަރީގެ ދުވުން ވަނީ ހިމަނާފަ އެވެ. ދިހަ ކިލޯ މީޓަރަކީ މިއަހަރު އަލަށް ތަޢާރަފް ކުރި ކެޓަގަރީއެކެވެެ.

މި ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ. އަދި 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެ އެވެ.

ރެޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަން-ޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެ އެވެ.

ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްދޭނެ އެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔަ އެވެ.

މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެންދާނެ އެވެ.

Like
Like Love Haha Wow Sad Angry