މިއުޒިކީ ދާއިރާއަށް ޚިދުމަތް ކުރާތާ 25 އަހަރުވެފައިވާ އަލިބެ ދަންނަންތަ؟

ރާއްޖޭގެ މިއުޒިކީ ދާއިރާއަކީ ވެސް ހުނަރުވެރި އެތައް ފަންނާނުންނެއް ހިމެނޭ ދާއިރާ އެކެވެ. ނަމަވެސް ގިނަ ބަޔަކަށް އޭގެތެރެއިން ނަގައިގަނެވެނީ މަދު ބައެކެވެ. ނުވަތަ ޚާއްސަ ބައެކެވެ.

އެހެންނަމަވެސް “ކުނިގޮނޑުގައި އޮތަސް، ޖަވާހިރެއް ވާނީ ޖަވާހިރަކަށޭ” ބުނާ ބީދައިން ޢަލީ މޫސާ ނުވަތަ އަލިބެ އަކީ ވެސް ގެއްލިފައި އޮތް ޖަވާހިރެކެވެ.

އިޝްތިހާރު Below Header ad

މިހާރުގެ ގިނަ މީހުންނަށް މިހެން ބުނުމުން ނޭނގިދާނެއެވެ. އެހެންވީމާ 1990 ވަނަ އަހަރުގެ ތެރެއަށް ފީނާލާނަމެވެ.

ހަމަގައިމުވެސް “ނޭބަރސް ބޭންޑު” ގެ މަތިން އިހުގެ މިއުޒިކީ ފަންނާނުންނަށް އެނގޭނެ އެވެ. އޭގެތެރެއިން ވެސް “އަލިބެ” އަކީ ހުނިޖަހާފައި ނެގޭ ކުޅަދާނަ، ހުނަރުވެރި ފަންނާނެކެވެ.

އަލިބެގެ ހުނަރުން ފުރިފައިވާ މިއުޒިކީ މަސައްކަތްތަކުގެ ތެރެއިން ވެސް ” ހަލީމާ ނެތްހޭ ކާލަން ކަރުހަކުރު،
ނެތީހޭ ރޫސިހާ ބަތާ މޮޅު ގަރުދިޔަ” މިއީ މަޝްހޫރުވި ފޯރިގަދަ، ސަޅި ލަވައެކެވެ. ލަވައިގެ ނަމަކީ ’ދިވެހި ކެއުން‘ ކަމަށް ލަވަ އުފެއްދި ’ނެއިބާރސް ބޭންޑް‘ އަދި ލަވައިގެ އަޑުގެ ވެރިޔާ ބުނެއެވެ.

YouTube player

އަނެއްކާވެސް ހަމަ އެ ދުވަސްވަރުގެ ހިތްގައިމު، ލޯބީގެ ލަވައެކެވެ. އަމިއްލަ ދިވެހި ރާގެކެވެ. ލަވައިގެ ހުރިހާ މަސައްކަތެއްހެން ކޮށްފައިވަނީ އަލިބެ އެވެ.

މި ހިތްގައިމު ލަވައިގެ އަސްލާއި ނަސްލު ގިނަ ބަޔަކަށް އޮތީ އޮޅިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރަމުން އައީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢާއިޝާތު ޢިނާޔާގެ ލަވައެއްގެ ގޮތުގަ އެވެ. އެކަމަކު މި ލަވައިގެ އަސްލު ފަންނާނަކީ ދިވެހި މިއުޒިކީ އުދަރެހުގައި ފޮރުވިފައިވާ ފަންނާނު ޢަލީ މޫސާ (އަލިބެ) އެވެ.

މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކެއް ވެއެވެ. އޭގެ ތެރޭގައި މީޑިއާއަށް ޚަބަރުލިޔާ ފަރާތްތައް ވެސް ހިމެނޭނެ އެވެ.

YouTube player

މިހައި ހިސާބަށް އައި އިރު، އަދިވެސް މިއުޅެނީ އަލިބެއަކީ ކާކުކަން ނުބުނެވި ދޯ އެވެ. އެހެންވީމާ އަލިބެގެ ކުޑަ މިންވަރެއް ބަޔާންކޮށްދޭނަމެވެ.

Alibe Now
އަލިބެ މިހާރު

އަލިބެއަކީ ކާކު؟

އަލީ މޫސާ ނުވަތަ އަލިބެއަކީ ލަވަކިޔުންތެރިއެކެވެ. ލަވަ ލިޔުންތެރިއެކެވެ. މިއުޒީޝަނެކެވެ. ކީބޯޑިސްޓެކެވެ. ގިޓަރިސްޓެކެވެ.

ރާއްޖޭގެ މުނިފޫހިފިލުމުގެ ދާއިރާގައި 25 އަށްވުރެން ގިނަ އަހަރު ޚިދުމަތްކޮށްފައިވާ އަލިބެއަކީ މިހާރުވެސް މިދާއިރާއަށް ޚިދުމަތްކުރަމުން އަންނަ މި ދާއިރާގެ އެކްސްޕާޓެކެވެ.

މިއުޒިކީ ދާއިރާއަށް އޭނާ ފުރަތަމަ ފިޔަވަޅު އެޅީ ފުރާވަރުގެ ދުވަސްވަރު އޭނާގެ ގާތް ރަހުމަތްތެރިއެއްގެ އެހީގައި ގިޓާ ކުޅުމުގެ ތެރެއިންނެވެ. ކާމިނީގޭ މުޙައްމަދު ޒާހިދު އުފެއްދި ”ޓްވެންޓިއަތު ސެންޗަރީ ބީސީ“ ބޭންޑްގައި އަލިބެގެ ރައްޓެހިންނާއެކު މަސައްކަތްކުރަން ފެށިއެވެ. އެއީ އޭރުގެ މަޝްހޫރު ’ބީސީ ބޭންޑް‘ އެވެ.

އޭގެ ފަހުން، 1980ގެ އަހަރުތަކުގެ ފަހުކޮޅުގައި ކާމިނީގޭ މުޙައްމަދު ޒާހިދު އުފައްދައިދިން ”ނެއިބަރޒް“ ބޭންޑްގައިވެސް އޭނާގެ ރަހުމަތްތެރިންނާއެކު މަސައްކަތްކުރިއެވެ. މި ބޭންޑް އުފެއްދީ ރިޒޯޓް މިއުޒިކް ކުޅުމަށެވެ. ހުރިހައި ވައްތަރެއްގެ މިއުޒިކް ކުޅުމަށް އުފެއްދި މި ބޭންޑުގެ ޚާއްޞަ ދާއިރާއަކީ ރެގޭ މިއުޒިކެވެ. މާލެ އަތޮޅުގެ ހުރިހައި ރިޒޯޓެއްގައާއި ކައިރީ ހުރި އެހެން ބައެއް ރިޒޯޓްތަކުގައި އަލިބެ އޭނާގެ ބޭންޑާއެކު މިއުޒިކް ކުޅުނެވެ.

ރިޒޯޓް މިއުޒިކަށް އަމާޒުކޮށްގެން ހިންގަމުން އައި މި ބޭންޑުން އެމީހުންގެ އަމިއްލަ ލަވަތަކެއް ނުވަތަ އަލްބަމެއް ނެރުމަށް މަސައްކަތްކުރާނެ
ވަގުތެއް ނުލިބުނެވެ. ނަމަވެސް މިނިވަން 25ގެ ކުލަގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހައި ބޭންޑަކުން އެމީހުންގެ އަމިއްލަ ހުށައެޅުމެއް ގެނެސްދިނުމަށް ސަރުކާރުން އެދުމުން ނެއިބަރޒް ބޭންޑުން އެމީހުންގެ ފުރަތަމަ އަމިއްލަ ލަވަތަކެއް އުފެއްދި އެވެ. އެގޮތުން ’ހޭލާ ކެޔޮޅު ހޭލާ’، ’ލޯބިވެވިދާނެބާ’، ’އާދޭ ދާން‘ ހިމެނެއެވެ. މީގެ އިތުރުން ’ނޫރޭ މި ލޯބި‘ ލަވައިގެ ކަވަރ އެއްވެސް އުފެއްދިއެވެ.

YouTube player

އޭގެ ފަހުން އެ ބޭންޑު ވުޖޫދުގައި އޮތީ މަދު އަހަރުތަކެއް ވާންދެނެވެ. ބޭންޑުގެ މެންބަރުން އެކި ދިމަދިމާއަށް ގޮސް ބޭންޑް އުވުނެވެ. ނަމަވެސް ހޮބީއެއްގެ ގޮތުން ސޯލޯ އާޓިސްޓެއްގެ ގޮތުގައި މިއުޒިކްގެ ތެރޭގައި އައު ކަންކަން ދަސްކޮށް އަލިބެގެ އަމިއްލަ އުފެއްދުންތައް އުފައްދަން ފެށިއެވެ.

މިއަދު އަލިބެއަކީ އޭނާގެ އަމިއްލަ މިއުޒިކް ރެކޯޑިން ސްޓޫޑިއޯއެއް ހިންގަމުން އަންނަ މިއުޒީޝަނެކެވެ. ކުރިން އޭނާ ހިއްސާވެ ރެކޯޑްކޮށްފައިވާ ލަވަތައް ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަލުން ރެކޯޑްކުރަން ފެށިއެވެ.

އަލިބެގެ ލަވަކިޔުމުގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ވޮއިސް ޓްރޭނިންގ ކޯސްތަކެއް ހެދިއެވެ. ތާޖުއްދީނު ސްކޫލުގެ ދަރިވަރުން އިންޓަރ ހައުސް ލަވަ މުބާރާތްތަކަށް ތައްޔާރުކޮށްދިނުމުގައި އެ ސްކޫލާއެކު އަލިބެ މަސައްކަތްކުރިއެވެ.

މިއުޒިކީ ދާއިރާގައި އަލިބެއަށް އެންމެ ބޮޑު އިންސްޕިރޭޝަނެއް ލިބެނީ ވެޓެރަން އާޓިސްޓު އަދި އެމެރިކާގެ ލިޖެންޑަރީ އެކްޓަރ އަދި މިއުޒީޝަން އެލްވިސް ޕްރިސްލީ، ރެގޭ މިއުޒިކްގައި އެންމެ މަޤްބޫލު އެއް އާޓިސްޓު، ޖެމެއިކާއަށް އުފަން ބޮބް މާލީ، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލަވަ ލިޔުންތެރިޔާ ޑޮން ވިލިއަމްސްގެ ފަރާތުންނެވެ. ބޮލީވުޑުން އަލިބެގެ އެންމެ މަޤްބޫލު ފަންނާނަކީ އިންޑިއާގެ އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރަފީ އެވެ. ރާއްޖެއިން ތަޢުފީޤް އާއި މަހްމޫދާ ޝަކީބު އެވެ.

އަދިވެސް އަލިބެގެ މިއުޒިކީ މަސައްކަތް މެކުހަށް ޖަހާފައި

މުނިއަވަސްއިން ކްލަބްހައުސް ގައި ކުރިއަށްގެންދާ ’ޚަބަރު / ކޯދު: އިންޑެޕްތު ނިއުސްޓޯކް‘ ޝޯވގައި އަލިބެގެ ލަވަތައް އިއްވައިލީ ދެހާހުގެ އަހަރުތަކާ ހަމައަށް އަންނަންދެން ރާއްޖޭގައި އެންމެ ގިނަ މިއުޒިކް އަލްބަމްގެ ރެކޯޑިން/މިކްސިން އަދި މާސްޓަރިން ހެދުމުގައި ހަރަކާތްތެރިވި ޢީސާ ޝަރީފްގެވެސް ހާޒިރުގައެވެ. އަލިބެގެ ލަވަތައް އަޑުއަހައިފައި ޢީސައަށް ވެސް ބުނެލެވުނީ ލަވަތައް ވަރަށް ހިތްގައިމު ކަމަށެވެ. މިއުޒިކާއި ލަވަތަކުގެ ޅެންތައްވެސް ސަޅި ކަމަށެވެ. ކުރުކޮށް ބުނާނަމަ ޢީސަގެ ތަޢުރީފު އަލިބެއަށް އޮއްސައިލިއެވެ.

އަހަރުމެންނަށް އަލިބެ އިއްވައިލީ އޭނާ އެންމެ ފަހުން ރިލީޒްކޮށްފައިވާ ”ރޮއްވާލި ހުވަފެން“ އަލްބަމާއި ”ކާބަފައިން“ އަލްބަމްގެ ލަވަތަކާއި ކުރިން އޭނާ ނެރެފައިވާ ބައެއް ލަވަތަކެވެ. ހުރިހައި ލަވަތަކެއްގެ ހުރިހައި މަސައްކަތެއް ކޮށްފައިވަނީވެސް އަލިބެ އަމިއްލައަށެވެ.

އަލިބެގެ ”ރޮއްވާލި ހުވަފެން“ ބައިސްކޯފަށް ރިލީޒްކުރީ 31 އޯގަސްޓް 2020ގައެވެ. ޖުމްލަ 09 ލަވަ ހިމެނޭ މި އަލްބަމްގައި ހުރީ އަލިބެ އުފައްދާފައިވާ ނިކަން ހިތްގައިމު އަމިއްލަ ރާގުތަކެކެވެ. އަމިއްލަ ޅެންތަކެވެ. މިއުޒިކަކީ އަޑުއަހައިލަން ފަސޭހަ މިއުޒިކެކެވެ. މި އަލްބަމްގައި ”ލޯބިވެވިދާނެބާ“ގެ އައު ވާރޝަން އެއްވެސް ހިމެނެއެވެ.

މި އަލްބަމުގައި ހިމެނޭ ލަވަތަކުން ’އޭ މިފަރާތް ބަލަމާ‘ އާއި ’ސިއްރުން ބެލީ‘ ލަވައަށް އިޝާރާތްކުރަމުން އަލިބެ ބުނީ މި ލަވަތަކާއި އޭނާގެ ގިނަ ލަވަތައް ހަދާފައިވަނީ ފިލްމަކަށް ލެވޭގޮތަށް ވިސްނުން ބަހައްޓައިގެން ކަމަށެވެ.

”ވަރަށް ރީތިކޮށް ކަޕްލް ޑާންސް ކުރެވޭ ލަވައެއްވެސް އިންނާނެ. އެއީ ’ވާރޭ ތެރެއިން‘. އެއީ ތްރީ ފޯރ ބީޓަށް ހަދާފަ އިން ލަވައެއް.“ މި އލަބްމުން އަލިބެއަށް އެންމެ ހިތްގައިމު ލަވަތަކަށް އަލިއަޅުވައިލަމުން ބުންޏެވެ.

އަލިބެ ބުނީ ލަވަ ހެދުމުގެ ކުރިން އޭނާ ލިޔެލަނީ ކުރު ވާހަކައެއް ކަމަށާ، ލަވައިގެ ޅެން ހަދަނީ އެ ވާހަކައަށް ބިނާކޮށް ކަމަށެވެ. އަލިބެ މިގޮތަށް ލަވަ ހަދަނީ ފިލްމަކަށް ވިޔަސް އަދި ލަވައަށް ވީޑިއޯއެއް ހެދުމަށްވިޔަސް އެންމެ އެކަށީގެންވާ ގޮތަށް ލަވައެއް ހެދޭނީ މިގޮތަށް ލަވަ ހެދުމުން ކަމަށް އަލިބެ ގަބޫލުކުރާތީ އެވެ.

12 ނޮވެމްބަރު 2020ގައި ބައިސްކޯފަށް އަލިބެ ރިލީޒްކޮށްފައިވާ ”ކާބަފައިން“ އަލްބަމްގައިވެސް ހުރީ ހިތްގައިމު ލަވަތަކެކެވެ. 10 ލަވަ ހިމެނޭ މި އަލްބަމުގައި ތަފާތު ރަހަތަކުގެ މިއުޒިކް ހިމެނޭއިރު ދިވެހި ރެގޭ މިއުޒިކްވެސް ހިމެނެއެވެ. ލަވައަކަށް ދޫނުކުރާނެ ލަވަތައް ހުރި މި އަލްބަމުން މުނިއަވަސްގެ ޝޯވގައި އަލިބެ އިއްވައިލި ”ދިވެއްސެކޭ ބުނާތީ“ މިއީ ވަރަށް އާދަޔާޚިލާފު އިހުސާސްތަކެއް ކުރުވާ ހިތްގައިމު ލަވައެކެވެ.

”ކާބަފައިންގަ މިއީ ހަމަ ޤައުމީ ލަވަތަކެއް. މިހާރުގެ މީހުން ހަދާފަ ހުންނަ ލަވަތަކާ ތަފާތުގޮތެއް ހުންނާނެ މީގަ ލިރިކްސްގަ. މުޅިން އައު ޚިޔާލުތައް އެއަށް ވައްދާފަ ހުންނާނެ.“ ކާބަފައިން އަލްބަމުގެ ވާހަކަ ދައްކައިލަމުން އަލިބެ ފާހަގަކުރިއެވެ.

ޅެންވެރިކަމާ އަދަބީ ފަންނުގެ ތެރެއަށް އަލިބެއަށް ވަދެވުނީ އޭނާ ވަރަށް ކުޑައިރު އިންޑިޔާގައި ކިޔަވަން ހުރި ދުވަސްވަރު އުފެދުނުގެ ޝަޢުޤުވެރިކަމުގެ ތެރެއިން ކަމަށްވެސް އަލިބެ ފާހަގަކުރިއެވެ. އަލިބެގެ ލަވަތަކާއި މިއުޒިކްގައި ދިވެހީންނަށް އެންމެ ކަމުދާ ބޮލީވުޑްގެ ލަވަތަކުގެ އިހްސާސް ހުންނަނީ އެހެންވެގެން ކަމަށްވެސް ވެދާނެއެވެ.

YouTube player

މިއީ މުނިއަވަސް އިން ގެނެސްދެމުން އަންނަ ’ޚަބަރު / ކޯދު: އިން-ޑެޕްތު ނިއުސް‘ ގައި އަލިބެއާ ދިމާވި ފަހުން ހަމަ ކޮންމެ ރެއަކުވެސް އަޅުގަނޑުމެންނަށް ދައްކައިލެވޭ ވާހަކައެކެވެ. މި ސުވާލުގެ ސީދާ ޖަވާބެއް ނޭނގުނަސް، އެނގޭ ކަމަކީ އަލިބެއަކީ އާދަޔާޚިލާފު، މޮޅު ހުނަރުވެރި ފަންނާނެއް ކަމެވެ. ރާއްޖޭގައި އޯޑިއޯ ރެކޯޑިން މަސައްކަތުގައި 30އަށް ވުރެން ގިނަ އަހަރު ހޭދަކޮށްފައިވާ ޢީސާ ޝަރީފް ފާހަގަކުރަނީ އަލިބެގެ ހުނަރުވެރިކަން ދިވެހިންނަށް އެނގެން ޖެހޭ ކަމަށެވެ.

މިކަމަށްޓަކައި އަލިބެގެ ލަވަތަކުން ފާހަގަކޮށްލެވޭ ލަވައެއް ނުވަތަ ދެތިން ލަވައެއްގެ ވީޑިއޯ ތައްޔާރުކޮށް އާއްމުކުރަން ޖެހޭ ކަމަށެވެ. ޗެނަލްތަކާޢި އޮންލައިންތަކަށް މި ވާހަކަތައް ގެންނަން ޖެހޭ ކަމަށެވެ.

އެހެންވީމާއަލިބެއަކީ ހަމަ ގައިމުވެސް ފަސްއެޅި ފޮރުވިފައި އޮތް އަގުބޮޑު ޖަވާހިރެކެވެ. މިހާރުގެ މިއުޒީޝަނުންނަށް އެތައް ފިލާވަޅުތަކެއް ލިބޭނެ “މިއުޒިކީ ކުތުބުޚާބާ” އެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.