އިންތިޚާބުތަކާއި ދިމާކޮށް ސިޔާސީ ޕާޓީތައް އުފައްދަނީ ދެން އުފެދޭ ސަރުކާރަކުން ބައި ހޯދަން: އަދުރޭ
ކޮންމެ ފަހަރަކު އިންތިޚާބުތަކާއި ދިމާކޮށް ސިޔާސީ ޕާޓީތައް އުފައްދަނީ ގައުމާއި ރައްޔިތުންނަށް ކަމެއް ކޮށްދިނުުމުގެ ބޭނުމަކު ނޫން ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިިހެން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރ، އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވާތީ އެކަމަށް ފާޑު ވިދާޅުވަމުން ނެވެ.
ޢަބްދުއްރަހީމް ވިދާޅުވީ އެއީ ދެން އުފެދޭ ސަރުކާރަކުން ބައި ހޯދަން ކުރާ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ އަދުރޭ ވިދާޅުވީ ރައީސް ޔާމީން ސިޔާސީ މަަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީގެ ތެރެއިން ކަމަށެވެ.
“ޕީޕީއެމް އާއި ޕީއެންސީ އަކީ ގައުމީ ފިކުރުގެ ދެ ޕާޓީ. އެ ފިކުރުން ނޫނީ ގައުމަށް ތަރައްގީ އާއި ކުރިއެރުމެއް ނެތް.” އަދުރޭ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ތިއްބެވި ލީޑަރުންނާއި ކޯލިޝަނަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ އެ ލީޑަރުން އަމިއްލަ އެދުމަށް ކޮންމެ ކަމެއްވެސް ކުރައްވާފާނެ ކަމަށެވެ. އަދި ޑީލެއްގައި ޖެހިވަޑައިގެން ދީލާނުލައްވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމް އާއި އެމްޑީޕީ ބައިވެރިވާ ކޯލިޝަނެއް އުފައްދާ ސަރުކާރު ހިންގަން ބޭނުންވާ ކަމަށް ކުރީގެ ރައިސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަަމަށްވެސް ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.