ސޫރަތުއް ތަކްވީރު 2

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.
1 ނޮވެންބަރު 2016 އާގުޅޭ

(وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨﴾  )

( الْمَوْءُودَةُ ) އަކީ ދިރިހުއްޓާ ވަޅުލެވިފައިވާ އަންހެން ކުއްޖާ އެވެ. އެހެނީ އެބައިމީހުން ޖާހިލިއްޔަ ޒަމާނުގައި އަންހެން ދަރިޔަކު ލިބިއްޖެނަމަ އެކުއްޖާ ދިރިދިރި އޮއްވާ ވަޅުލައެވެ. އެބައިމީހުންގެ ވާހަކަތައް ބަޔާން ކުރައްވާ ސޫރަތުއް ނަޙްލުގެ 58 އަދި 59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا بُشِّرَ‌ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَارَ‌ىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ‌ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَ‌ابِ ۗ أَلَا سَاءَ مَا يَحْكُمُونَ ﴿٥٩﴾  ) މާނައަކީ: ” އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ.”

އިޝްތިހާރު Below Header ad

(بِأَيِّ ذَنبٍ قُتِلَتْ ﴿٩﴾  ) ދިރިދިރި އޮއްވާ ވަޅުލެވުނު އަންހެން ކުދިންނާއި ސުވާލު ކުރެވޭނެއެވެ. “ތިބާ މަރާލެވުނީ ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟” އެސުވާލު އެކުދިންނާއި ކުރެވޭނީ އެކުދިން މަރާލި މީހުންގެ ކައިރީގައި ބަހައްޓާފައެވެ. މިއީ އެކަން ކުރި މީހުންގެ ޢަމަލުތައް ހަޑިމުޑުދާރުވެގެންވާކަން އެންގެވުމުގެ ގޮތުން ކުރައްވާ ސުވާލެކެވެ.

(وَإِذَا الصُّحُفُ نُشِرَ‌تْ ﴿١٠﴾)

( الصُّحُفُ ) އެއީ “ޞަޙީފާ” ގެ ޖަމްޢު އެވެ. މާނައަކީ “ޢަމަލުތަކުގެ ފަތެވެ.” އިންސާނުން ކުރާ ކޮންމެ ޢަމަލެއްމެ ދަނީ ލިޔުއްވެމުންނެވެ. އެކަން ކުރައްވަނީ އަމާނާތްތެރި މަލާއިކަތް ބޭކަލުންނެވެ. އިންސާނުން ކުރާ ކޮންމެ ޢަމަލެއްވެސް އެބޭކަލުން ލިޔުއްވާނެއެވެ. އަދި ގިޔާމަތް ދުވަހުގައި އިންސާނާގެ ޢަމަލުތަކުގެ ފަތް އޭނާ އަށް ހުށަހެޅޭނެއެވެ. ސޫރަތުލް އިސްރާގެ 13 އަދި 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَ‌هُ فِي عُنُقِهِ ۖ وَنُخْرِ‌جُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورً‌ا ﴿١٣﴾ اقْرَ‌أْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾  ) މާނައަކީ: ” އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.”

އިންސާނާގެ ދުލުން ބޭރުވާ ކޮންމެ އަކުރަކީވެސް ލިޔެވޭނެ އެއްޗެކެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތު ގާފްގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَ‌قِيبٌ عَتِيدٌ ﴿١٨﴾  ) މާނައަކީ: ” (ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.”

އެހެންވެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރްޝާދު ދެއްވާ ވިދާޅުވެފައިވެއެވެ. (مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ  ) މާނައަކީ: “ތިމާ އާއި ނުބެހޭ ކަންތަކާއި ނުބެހި ދޫކޮށްލުމަކީ މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.”

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ  ) މާނައަކީ: “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވެގެންވާ މީހާ ހެޔޮބަހެއް ބުނާހުށި ކަމެވެ. ނޫންނަމަ ހަނު ހުންނާށެވެ.” ދުލުން ބޭރުވާ ކޮންމެ ބަހަކީ ލިޔެވޭނެ އެއްޗަކަށް ވާއިރު، ބޭކަރުވާހަކަ ދެއްކުމަކީ މީހާ އަށް ނޭނގިނަމަވެސް ގޯސްވާހަކަ ދެއްކުމަށް ބާރުއެޅޭ ކަމަކަށް ވެދެއެވެ. އެހެންކަމުން ދޫރައްކާތެރި ކުރަން ޖެހެއެވެ.

(وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾   ) ގިޔާމަތް ދުވަހުގައި އުޑު ގެންދެވޭނެއެވެ. ކަތިލެވޭ ޖަމަލުގެ މަސްގަނޑާއި ހަންގަނޑު ވަކި ކުރެވޭ ގޮތަށް އުޑު އެހުރި ތަނުން އެހެން ތަނަކަށް ގެންދެވޭނެއެވެ. މިކަމުގެ ތަފްޞީލު ބަޔާން ކުރައްވާ ސޫރަތުއް ޒުމަރުގެ 67 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ  ) މާނައަކީ: ” އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ قدرة ތެރިކަމުގެ ކަނާތްޕުޅުގައެވެ.”  ސޫރަތުލް އަނބިޔާގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ ﴿١٠٤﴾  ) މާނައަކީ: ” އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ.”

ގިޔާމަތް ދުވަހުގައި އުޑު ފައްޖައްސަވާލެއްވުމާއި ގުޅިގެން އުޑުގެ ބަދަލުގައި އޮންނާނީ ﷲގެ ޢަރްޝި އެވެ. ސޫރަތުލް ޙާއްގާގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَيَحْمِلُ عَرْ‌شَ رَ‌بِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧﴾  ) މާނައަކީ: ” އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ.”

ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.