ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ އެތްލީޓުން ފުރައިފި
ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ އެތްލީޓުން ފުރައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކްސް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިންގ ގަ އެވެ.
ރާއްޖެއިން އޮލިމްޕިކްސްގައި ބައިވެރިވާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ސްވިމިންގ ގައި ވާދަކުރާ މުބާލް އައްޒާމް އިބްރާހިމް ވާދަކުރާނީ 100 މީޓަރު ފްރީ ސްޓައިލްގަ އެވެ. މުބާލް ބައިނަލްއަގްވާމީ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، 15 ގައުމީ ރެކޯޑެއްވަނީ މުގުރާލާފަ އެވެ. 200 މީޓަރު ބްރެސްޓް ސްޓްރޯކް ގައި ވާދަކުރާ އައިޝަތު ސާޖިނާ ވަނީ ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތަކުން 2 ސިލްވަރ މެޑަލް އާއި 1 ބްރޯންޒް މެޑަލް ހޯދާދީފަ އެވެ.
ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ލައްވާލާފައިވަނީ އެންމެވަރުގަދަ ގްރޫޕު ކަމުގައިވާ ގްރޫޕް ޖީ ގަ އެވެ. މި ގްރޫޕުގައި އޮތީ ސިންގަލްސް ކެޓަގަރީން ދުނިޔޭގެ ރޭންކިންގ ގެ ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އާއި ދުނިޔޭގެ ރޭންކިންގ 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއި އެވެ.
ސިންގަލްސް ބައިން ނަބާގެ ރޭންކިންގ އަކީ ދުނިޔޭގެ 252 އެވެ. ބެޑްމިންޓަންގެ ކޮންމެ ގްރޫޕަކުން އެއްވަނަ އަނެއް ބުރަށް ހޮވޭނެ އެވެ.
މި މުބާރާތަށް ނަބާ ދިޔަ އިރު، މީގެކުރިން ނަބާވަނީ ރާއްޖެއަށް 2 ގޯލްޑް މެޑަލްއާއި 4 ސިލްވަރ އަދި 8 ބްރޯންޒް މެޑަލް ހޯދާދީފަ އެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ އިރު، މިފަހަރުގެ އޮލިމްޕިކްސްގައި ސާއިދު ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރުގަ އެވެ.
ސާއިދުވަނީ މިހާތަނަށް ރާއްޖެއަށް 3 ގޯލްޑް މެޑަލް އާއި 2 ސިލްވަރ މެޑަލްއާއި 4 ބްރޯންޒް މެޑަލް ހޯދާދީފަ އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ. އޭނާއަށް މި ފުރުސަތު ދިނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުން، އިންޓަރނޭޝަނަލް ފެޑެރޭޝަނުން ނެވެ.