
ޝެއިޚް ހަސީނާގެ ފަރާތްޕުޅުން ރައީސް ސޯލިހަށް 500 ކިލޯ އަނބު ހަދިޔާ ކުރައްވައިފި
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތްޕުޅުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް 500 ކިލޯ އަނބު ހަދިޔާ ކުރައްވައިފި އެވެ.
ޝެއިޚް ހަސީނާ ރައީސް ސޯލިހަށް ހަދިޔާކުރެއްވީ އެ ގައުމުގައި މަޝްހޫރު އަނބުގެ ވައްތަރެއްކަމަށްވާ ”ހަރިވަންގާ“ އަނބެވެ.
ޝައިޚް ހަސީނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ވެސް ހަރިވަންގާ އަނބު ހަދިޔާކުރައްވާފަ އެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ނަޒްމުލް ހަސަން ވަނީ އެ އަނބު ފޮށިގަނޑު ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާ ހަވާލުކުރައްވާފަ އެވެ.
އަނބު ހަދިޔާކުރެއްވުމުން ރައީސްގެ ފަރާތުން ވަނީ ހަސީނާއަށް ޝުކުރު ދަންނަވާފަ އެވެ.