އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް: ރައީސް ސޯލިހު

ކޮވިޑްގެ ހިތި ތަޖުރިބާތައް ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވާ ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ އަޟްޙާ ޢީދަކީ، ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށް ވާއިރު، ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ޤައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އެމަނިކުފާނު ވަނީ ޢީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެ ރައްޔިތުންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް ވެސް އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާފަ އެވެ.

އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ޙާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތުކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށްކަމުގަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައި ވެސް، އެންމެ ވަރުގަދަ ބާރަކީ، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.

ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.