ޚަބަރު ފީތާ

ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ: މަލީހު

ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ ކަމަށް ކުރީގެ އިންފޮމޭޝަން އެންޑް ޓެކްނޮލިޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރައީސް ސޯލިހަށް ބާރުފޯރުވާކަމަށް ތުހުމަތުކުރައްވާ ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

މަލީހުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ “ރައީސް ނަޝީދު އިޢުލާން ކުރައްވައިފި މިސަރުކާރާއި އެމަނިކުފާނު ދެކޮޅުކަން. ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ. ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލުނީ. އެހެންވީމަ ހައްލަކީ އަވަސް އިންތިޚާބެއް. އިއްޔެ ކުޅުދުއްފުށިން އިވުނީ އެއަޑު.” މިފަދައިން ނެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާފަ އެވެ.

މިކަމަށް ޢިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ، ކުޅުދުއްފުށިން އިވިގެން އެ ދިޔައީ އަވަސް އިންތިޚާބެއް ބާއްވަންޖެހޭ ކަމުގެ އަޑު ކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މިއަދު ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށެވެ. އަދި މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް ފުޑު ފުޑު ކޮށްލާފައިވާ ކަމަށެވެ.

ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީ ހޯއްދަވާނެ ކަމަށް ވެސް ރައީސް ނަޝީދު ކުރިންވަނީ ވިދާޅުވެފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: