ސްކޫލްތަކުގައި އެތައް ޒަމާނެއްވަންދެން ޙައްލުނުވެ ހުރި ކަންކަން ސަރުކާރުން ވަނީ ޙައްލުކޮށްފަ: ރައީސް ސޯލިހު
ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގައި އެތައް ޒަމާނެއްވަންދެން ޙައްލުނުވެ ހުރި ކަންކަން ސަރުކާރުން ޙައްލުކޮށްދެއްވައިފިކަމުގައި، މި 3 ސްކޫލުގެ އިސްވެރިނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ވެރިން ފާހަގަކުރައްވައިފި އެވެ.
މިއަދު ހެނދުނު މި ބައްދަލުކުރެއްވުން އޮތީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ފާހަގަކުރައްވާފަ އެވެ. އަދި ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމާއި ބެހޭގޮތުންނާއި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ 2 ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލުކަން ފާހަގަކުރެއްވި އެވެ. އަދި، މި ބައްދަލުކުރެއްވުމުގައި މި ޕްރޮޖެކްޓާބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފަ އެވެ. އަދި، ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލުގެ ޙާލަތު ބައްލަވާލައްވާފަ އެވެ.