ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތް ތަޢާރަފް ކުރުމުގައި އިސް-ދައުރެއް އަދާކުރެއްވި ކޮނޑޭ އަލި މަނިކު ނިޔާވެއްޖެ
ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތް ތަޢާރަފް ކުރުމުގައި އިސް-ދައުރެއް އަދާކުރެއްވި ކޮނޑޭ އަލި މަނިކު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ ޢުމުރުފުޅުން 87 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ދިވެހިރާއްޖޭގެ އަޑުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްތަކެއް ކުރެއްވި ކޮނޑޭ އަލި މަނިކަކީ ރޭޑިއޯ ބްރޯޑް ކާސްޓިންގއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރި ފަރާތެކެވެ.
މަރުހޫމް އަލި މަނިކުގެ ޖަނާޒާ އޮންނާނީ އާސަހަރާ މިސްކިތުގައި މިރޭގެ މަޣްރިބް ނަމާދަށްފަހު އެވެ.
މަރްހޫމް އަލި މަނިކު (ކޮންޑޭ އަލި މަނިކު) އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ނާއިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ގެ ލޮބުވެތި ބައްޕާފުޅެވެ.
ކޮނޑޭ އަލި މަނިކު ނިޔާވުމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ދަންނަވާ ނޫސް ބަޔާނެއް ނެރެފަ އެވެ.
އެ ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ މިޚަބަރު އެކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކުގައި ކަމަށެވެ. އަދި މުޙައްމަދު ނިމާލް އާއި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެ ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާކޮށްފަ އެވެ.
މަރްހޫމް ކޮނޑޭ އަލި މަނިކު ނިޔާވުމުގެ ހިތާމައިގާ އެޓޯލް ނިއުސް ގެ މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުން ވެސް ބައިވެރިވަނީ ފުން ހިތާމައާ އެކުގަ އެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުޢާ ކުރަމެވެ.