ކޮވެކްސްއިން ސިނޮފާމް އާއި ސިނޮވެކް ވެކްސިންގެ 550 މިލިއަން ޑޯޒު ގަންނަނީ
ޗައިނާއިން ކޮވިޑް-19 އަށް ތައްޔާރުކޮށްފައިވާ ދެ ވެކްސިން ކަމަށްވާ ސިނޮފާމް އާއި ސިނޮވެކްގެ 550 މިލިއަން ޑޯޒު ގަންނަން ކޮވެކްސް ފެސިލިޓީން ނިންމައިފި އެވެ.
ކޮވެކްސް ފެސިލިޓީ އަކީ ފަގީރު ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމުގައި ދަތިވެދާނެތީ ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯގެ ދަށުން އުފައްދާފައިވާ އެލަޔަންސް އެކެވެ. މި އެލަޔަންސުން ގައުމުތަކުން އުފައްދާފައިވާ ވެކްސިން ގަތުމުގެ އިތުރުން މުއްސަނދި ގައުމުތަކުން ވެކްސިން ހަދިޔާ ކުރެ އެވެ.
މިފަހަރު ޗައިނާއިން ގަންނަ ވެކްސިންގެ ތެރޭގައި ހިމެނެނީ ސިނޮފާމްގެ 170މިލިއަން ޑޯޒާއި ސިނޮވެކްގެ 380 މިލިއަން ޑޯޒެވެ. މީގެ ތެރެއިން އެ ދެ ކުންފުނިން ވަނީ 110 މިލިއަން ވެކްސިން ޑޯޒު ވަގުތުން ފޮނުވުމަށް އެއްބަސްވެފައި އެވެ.
އަދި ބާކީ ވެކްސިން ޑޯޒުތައް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީ ކޮޅު ފޮނުވާ ނިމޭނެ ކަމަށް ބުނެ އެވެ.
ޗައިނާގެ މި ދެ އުފެއްދުން މީގެ ކުރިން ކޮވެކްސް ފެސިލިޓީއަށް ހަދިޔާ ކޮށްފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކަށްވެސް ހިލޭ ދީފައިވެ އެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުން ހިލޭ ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒު ރާއްޖެއަށްވެސް ދީފައިވެ އެވެ.
ކޮވެކްސް ފެސިލިޓީގެ މަސައްކަތްތަކަށް މިއަހަރު ކުރީ ކޮޅު ވަނީ ލޮޅުން އަރައި ވަރަށް ބޮޑަށް މަޑު ޖެހިފަ އެވެ. އެއީ އިންޑިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ ދުނިޔޭގެ އެންމެ ގިނަ ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓްގެ މަސައްކަތްތައް މަޑު ޖެހުމުންނެވެ.