
ދިރާގާއި ސެމްސަންގ ގުޅިގެން ސިއްހީ ދާއިރާއަށް 60 ޓެބު ހަދިޔާކޮށްފި
ދިރާގާއި ސެމްސަންގެ ގުޅިގެން ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 60 ގެލެކްސީ ޓެބު ހަދިޔާކޮށްފި އެވެ.
މިއީ ކޯވިޑް-19އާ ގުޅިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ސަރުކާރަށް ހަދިޔާކުރި ޓެބުތަކެއް ކަމަށާއި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގައި ވެސް ޓެބުތައް އެހީއަކަށް ވާނެ ކަމަށް ދިރާގުން ބުނެ އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ދިރާގާއި ސެމްސަންގް ގުޅިގެން ވަމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޕެންޑެމިކް މެނޭޖުކުރުމަށް ޑިޖިޓަލައިޒް ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތުގައި އެހީއަކަށް ވާނެ ކަމަށް ކަމަށެވެ.
”ހެލްތު މިނިސްޓަރަށާއި ސިއްހީ ދާއިރާގެ ހުރިހާ އޮތޯރޮޓީތަކާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.“ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން ދިރާގުން ވަނީ އެކި ގޮތްގޮތުން ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
ޓެބްތައް ހަދިޔާ ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު އަދި ސެމްސަންގް ލަންކާގެ މެނޭޖިންގ ޑިރެކްޓަރު ކެވިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.