އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގެ ފަތްކޮޅު ނިޔާޒީ އަށް އަރުވައިފި
އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިޔާޒީއަށް ފަތްކޮޅު އަރުވާފައި މިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 210 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ޅ) ގައިވާގޮތުގެމަތީން ނެވެ.
ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ޙުސައިން ނިޔާޒީ ކުރައްވައި، ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވި އެވެ.
ޙުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ޙުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފަ އެވެ.
ޙުސައިން ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ނިޔާޒީ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، އޮޑިޓް މެނޭޖަރކަމުގެ މަޤާމާއި، އެސިސްޓަންޓް އޮޑިޓަރ ކަމުގެ މަޤާމުވެސް ހިމެނެ އެވެ.
ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވްސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއަރޕަރސަން ވެސް މެއެވެ.
މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަޤާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.