މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓު އަދިނުލިބޭ: މަބްރޫކް
ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓް އަދިނުލިބޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ 241 ކޮމެޓީގެ އިންކްއަރީ ރިޕޯޓު ރަސްމީކޮށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް މަޖިލީހުން އާއްމުކޮށްފައިވާ ރިޕޯޓް ކަމާއިގުޅޭ އިދާރާތަކުން ދިރާސާކުރަމުންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރުވިލޭރޭ ފަތިހު އެވެ.
މަޖިލީހުން ފާސްކުރި ރިޕޯޓަށް އެއްވެސް އުނި އިތުރުކަމެއް ނުގެސް، ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންނާއި ހިއްސާކުރައްވާނެކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާމަކޮށްފަ އެވެ.
241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި އެމަނިކުފާނަށް ދެއްވަމުންދާ ސެކިއުރިޓީގެ ކަންކަން ދިރާސާކޮށްފައިވާ އިރު، އެކަމާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އިސްލާހުކުރުމަށް މަޖިލީހަށް ފެންނަ ކަންކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.