ކޮޕަ އެމެރިކާ 2021 ފައިނަލް: މެސީއާއި ނޭމާގެ ވަރުގަދަ ކުރިމަތިލުން މިރޭ

ކޮންމެ ހަތަރު އަހަރުން އެއްއަހަރު ސައުތް އެމެރިކަން ފުޓްބޯޅަ ކޮންފެޑެރޭޝަން (ކޮންމިބޯލް) އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ފަތިހު އާޖެންޓީނާއާއި ބްރެޒިލް ބައްދަލުކުރާނެއެވެ. މިފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބްރެޒިލް އަދި އާޖެންތީނާ ނިކުންނައިރު، މި ދެޓީމުވެސް ފައިނަލަށް ދަތުރުކުރީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

އެގޮތުން އާޖެންޓީނާއަށް ބަލާއިރު އެޓީމު ހިމެނުނީ ގުރޫޕް އޭގައެވެ. ދެން މި ގުރޫޕުގައި ހިމެނުނީ އުރުގުއޭ، ޕެރަގުއޭ، ޗިލީ، އަދި ބޮލީވިއާއެވެ. އާޖެންޓީނާއިން ގުރޫޕުގައި ހަތަރު މެޗު ކުޅުނު އިރު، އޭގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. އެއްމެޗުން އެއްވަރުވިއެވެ. މިއާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާއިން ދަތުރުކުރީ 10 ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުއާޓާގައި އާޖެންޓީނާ ބައްދަލުކުރަން ޖެހުނީ އެކުއެޑޯއާއެވެ. އެ މެޗުވެސް ފަސޭހަކަމާއި އެކު 0-3 އިން މޮޅުވެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކުރިއެވެ. ސެމީގައި އާޖެންޓީނާ ބައްދަަލުކުރީ ކޮލަމްބިއާއާއެވެ. މެޗު އެއްވަރުވެ ޕެނަލްޓީ ޖައިހައިގެން 2-3 އިން މޮޅޮވެ އާޖެންޓީނާ ފައިނަލަށް ދަތުރުކުރިއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ބްރެޒިލްއަށް ބަލާއިރު، އެޓީމު ހިމެނުނީ ގުރޫޕް ބީގައެވެ. ބްރެޒިލްގެ އިތުރުން ގުރޫޕް ބީގައި ހިމެނުނީ ޕެރޫ، ކޮލަމްބިއާ، އެކުއެޑޯ އަދި ވެނެޒުއެލާއެވެ. ބްރެޒިލުން އެގައުމު ހިމެނުނު ގުރޫޕް ގައި ހަތަރު މެޗު ކުޅެފައިވާއިރު، ތިން މެޗުން ވަނީ މޮޅުވެފައެވެ. އެއްމެޗު އެއްވަރުވިއެވެ. މިއާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރުކުރީ 10 ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުއާޓާގައި ބްރެޒިލް ބައްދަލުކުރަން ޖެހުނީ ޗިލީއާއެވެ. މި މެޗު 0-1 އިން ކާމިޔާބު ކޮށް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެގައުމުން ބައްދަލުކުރީ ޕެރޫއާއެވެ. މި މެޗުން 0-1 އިން ކާމިޔާބު ކޮށް ބްރެޒިލް ފައިނަލަށް ދަތުރުކުރިއެވެ.

މިރޭގެ ފައިނަލާއި މި ދެޓީމު ކުރިމަތިލާއިރު، މިއީ ކޮޕަ އެމެރިކާ ތާރީޚުގައި މި ދެ ގައުމު ފައިނަލުގައި ކުރިމަތިލާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ތިން މުބާރާތެއްގެ ފައިނަލުގައި މި ދެ ގައުމުން ވާދަކޮށްފައިވާއިރު، އެންމެ ފުރަތަމަ ކޮޕަ އެމެރިކާ ފައިނަލެއްގައި ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކޮށްފައިވަނީ 1937 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވުނު މުބާރާތުގައެވެ. އެފަހަރުގެ ފައިނަލް މެޗު 0-2 އިން ކާމިޔާބު ކޮށް ތަށި އުފުލާލާފައިވަނީ އާޖެންޓީނާއިންނެވެ. މުބާރާތުގެ ދެވަނަ ފައިނަލުގައި މި ދެޓީމު ބައްދަލުކުރީ 2004 ވަނަ އަހަރު ޕެރޫގައި ބޭއްވުނު މުބާރާތުގައެވެ. އެފަހަރުގެ މެޗު އެއްވަރުވެ ޕެނަލްޓީގައި 2-4 އިން މޮޅުވެ ތަށި އުފުލާލާފައިވަނީ ބްރެޒިލުންނެވެ. ތިންވަނަ ފައިނަލުގައި މި ދެޓީމު ބައްދަލުކޮށްފައިވަނީ 2007 ވަނަ އަހަރު ވެނެޒުއެލާގައި ބޭއްވުނު މުބާރާތުގައެވެ. އެފަހަރު ވެސް 0-3 އިން މެޗު ކާމިޔާބު ކޮށް ތަށި އުފުލާލީ ބަރެޒިލުންނެވެ.

މިރެއަކީ އަނެއްކާވެސް ބްރެޒިލާއި އާޖެންޓީނާގެ ފައިނަލެއްގެ ކުރިމަތިލުމެއް ފެނިގެންދާނެ ރެއެކެވެ. މުބާރާތުގެ ފައިނަލަށް މިދެޓީމު މިރޭ ފަތިހު ނިކުންނައިރު ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ސިފަކުރަނީ މިއީ ނޭމާ އާއި މެސީގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިރޭގެ މި މެޗު ބޮޑަށް ޚާއްސަވަނީ މެސީއަށެވެ. މެސީއަށް މި ފައިނަލް ޚާއްސަވާ އެންމެ ބޮޑު އެއްސަބަބަކީ މިރޭގެ މެޗުން މޮޅުވެ ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ތައްޓެއް ހޯދުމުގެ ފުރުސަތު މެސީއަށް އޮތުމުންނެވެ. މިފަހަރުގެ މުބާރާތުގައި މެސީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި އަހަރުގެ މުބާރާތުގައި 4 ގޯލު ޖަހާ 5 އެސިސްޓާއެކު ލަނޑުލިސްޓްގެ އެންމެ ކުރީގައި އޮތީ މެސީ އެވެ. މި މުބާރާތުގައި މިހާތަނަށް ނޭމާ ވެސް ވަނީ 2 ގޯލް ޖަހައި 3 އެސިސްޓް ހަދާފަ އެވެ.

ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރާ މި ފޯރިގަދަ ފައިނަލް މެޗު ކުޅޭނީ މިރޭ ފަތިހު ރާއްޖޭ ގަޑިން 5 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.