
ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދޭ: ރައީސް ސޯލިހު
ޒަމާނުންސުރެ ކުނި ގިނަވެ، ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތެއް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލައްސިޓީ ކައުންސިލު މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކުގެ ކުނި ނެގުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނާއެކު އަލަށް އިންތިޚާބުވެވަޑައިގަތް ކައުންސިލަށް ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވެ، ކައުންސިލްތަކަކީ ކުރިޔަށްއޮތް ދުވަސްތަކުގައި ސަރުކާރުން ތަރައްޤީގެ މަގުގައި ކުރައްވާ މަސައްކަތުގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް ވަނީ ފުވައްމުލައް ސިޓީގައި ކުރިޔަށްދާ މަޝްރޫޢުތަކާއި ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު ދެއްކެވި ވާހަކައިގާ މިހާރު ފުވައްމުލަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްޜޫޢުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިން އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ޞިއްޙީދާއިރާގެ ތަރައްޤީއަށް ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތައް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި އޮޅުންފިލުވާފަ އެވެ.
މި ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެ އެވެ. ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެސިޓީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ވަރލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤާއިމްކުރެވިގެންދާނެކަން މިބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ހަދަންފަށާފައިވާ ގެތަކާއި މަރާމާތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ ދަށުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ކައުންސިލުން ފާހަގަކުރި އެވެ. އަދި މި ލޯނު ސްކީމް އިތުރަށް ފުޅާކުރުމުގައި ކުރެވިދާނެ ބައެއް ކަންކަން ފުވައްމުލައް ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައި ވެއެވެ.
ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން އެ ކައުންސިލުން ފާހަގަކުރެއްވި އެވެ. ރަށްރަށުގައި ބޯހިޔާވަހިކަމަށް ހުރި ދަތިކަން ހައްލުކުރުމަށް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢެއް އަންނަ އަހަރު ފަށްޓަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ވެމްކޯއާއި ހަވާލުކުރެވިގެން ގިނަދުވަސްވެ ފުނިޖެހިފައިވާ ކުނި ގެންދިއުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ބައެއް ކައުންސިލަރުން ވަނީ ފުވައްމުލަކުގައި ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ޤާއިމްކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވާފަ އެވެ.
އެގޮތުން، އެސިޓީގައި ފުލުހުންގެ ޚިދުމަތާއި މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާ ނުދެވި ތިބި ފަރާތްތައް ފަރުވާގެ ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރެވެންހުރި މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުންގެ ޤާނޫނާއެކު މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަޙައްދުތަކަށް ބަހާލެވިގެން 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރަށްރަށަށް ބޭނުންވާ އަދަދަށް ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު ފަރުވާއަށް ޚާއްޞަކުރެވިގެން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެކަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.