
ޓެކްސް މާފު ކުރުމުގެ ބާރު ރައީސްއަށް ދެއްވައިފި
ޓެކްސް މާފު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކޮށްފައި މިވަނީ އިޤުތިޞާދީ ކޮމިޓީން އެ ބިލު ދިރާސާކުރުމަށްފަހު، އެކުލަވައިލި ރިޕޯޓަށް މާބޮޑު ބަދަލެއް ގެނައުމަކާނުލަ އެވެ.
މުޅި މަޖިލިސް ކޮމިޓީން 27 މެންބަރުންގެ ވޯޓާއެކު ބިލު ފާސްކޮށްފައިވާ އިރު، އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މިބިލް މިއަދު ތަޅުމުން ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލުގައި ވާގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދެއެވެ. އަދި އެގޮތަށް އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބި ދޭނެ އެވެ.
މީގެ އިތުރުން އިސްތިސްނާ ކުރެވޭނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ ލަފާ ހޯއްދަވައިގެން ނެވެ.
އާމްދަނީން ނަގާ ޓެކްސްގެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިންގ ޓެކުސް ނުނަގަން ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެ ދެ އިސްލާހަށް ވެސް މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު، ވިތު ހޯލްޑިންގ ޓެކްސް ނެގުން ހުއްޓާލުމުން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ކުންފުނިތައް ބިކަ ވެދާނެ ކަަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.
މި ބިލުގައި އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާވާ ބައެއް އާމްދަނީތައް ހިމަނާފައި ވެއެވެ. އެގޮތުން ރައީސާއި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުން ޖަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި އެތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑުރައިވަރުގެ މުސާރަ ވަނީ އިސްތިސާންކޮށްފަ އެވެ.
މި ބިލުގައި ޓެކުސް އާމްދަނީން އިސްތިސްނާކުރުމުގެ ބާރު ރައީސަށް ދީފައިވާއިރު، ޓެކުސް މައާފުކުރާނެ މަޝްރޫޢުތައް ރައީސް ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މައްޗަށް ކަމުގައިވެސް ބުނެފައި ވެއެވެ.