ކުރު ވާހަކަ “ޔަލީނާ” (8)

ޔަލީނާގެ އަޑުގައި ޑޭވިޑްއާއިމެދު ހުރި ނުރުހުން އަހަނަށް ފާހަގަ ވިޔަސް އެކަން އެހާ ބޮޑުކަމަކަށް އޭރަކު ނުވިއެވެ. ކުދި ކުދި ކަންކަމަށް ފަރުވާތެރިކަން ނުބެހެއްޓުން މީ އަހަރުމެންނަށް ކުރެވޭ ހާދަ ދެރަކަމެކެވެ. އެކަން ކަން ބޮޑެތި ކަން ކަމަށް ބަދަލުވެގެން ދަނީ ހީނުކުރާ ފަދަ ބޮޑުކަމެއްގެ ގޮތުގައެވެ. އަހަރެންނަށް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. ކަރުބުޑުގައި ހިތިރަހަ ލައްވާލީ ދުވަހަކުވެސް ހީނުކުރާފަދަ ގޮތަކަށެވެ.

***

އިޝްތިހާރު Below Header ad

އަނެއްކާވެސް ގޭތެރޭގެ ފަޅުކަންކެނޑި ހަމަ ޖެހުން ލިބިއްޖެއެވެ. އަހަންނަށް ޤަބޫލުކުރެވުނީ އެހެންނެވެ. އެކުދިން އަންނަން ބުނި ދުވަހުގެ އެތައްދުވަހެއް ކުރިން މާލެ އައީ ޔާނިޔާ މާލޭގައި އެކަނި ހުރީމައި ކަމަށް ބުނެފައެވެ. ޔާނިޔާ ގޮވައިގެން ސްކޫލް ބަންދުގައި ކޮންމެވެސް ތާކަށް ދާންވާނެވާހަކަ ދެއްކި އެވެ. މަޑުމަޑުން ޔުޝްފާ ވެސް އަންނަނީ ރަގަޅުވަމުން ނެވެ. ކޮލެޖްގެ ކިޔެވުން ފެށެންދެން ޔުޝްފާ ބައްޕައަށް އެހީވާނެ ކަމުގައި ބުންޏެވެ. އަހަރެންނާއެކުގައި ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ގޮސް އެތާގެ މަސައްކަތްތައް ހިނގާ ނުހިނގާ ބަލާހަދަން ފެށިއެވެ. އެހެންކުދިންނާ ޔަލީނާއާއި އޮންނަ ގުޅުން ކުރިއަށް ވުރެ ބަދަހިކަން ފެނުމުން އަހަރެން ހުންނަނީ ވަކިން ހިތްހަމަ ޖެހިފައެވެ.

މެންދުރު ނަމާދު ބަންގިވަގުތަށް ފިހާރައިގައި ހުރެފައި އަހަރެން އައީ ގެޔަށެވެ. ބުނަން ނޭނގޭ ގޮތްތަކެއްވާ ދުވަސް ކޮޅެކެވެ. އަނެއްކާ އަހަރެންގެ ކޮލޮސްޓްރޯލް މާ މަތިވަނީބާއެވެ. ބަރާބަރަށް ބޭސްވެސް ކަމެވެ. ބަލީކީ ނޫން ކަންނޭނގެއެވެ. ފާޑެއްގެ ބޮލުގެ ރިހުމެއް ހުންނަނީއެވެ. ފާޑެއްގެ ހިތްނުތަނަވަސް ކަމެއް ވެރިވެފައި ހުންނަ ހެން ހީވަނީއެވެ. ދަންވަރު ނުނިދިގެން އުޅެން ޖެހޭތީ މިހާރު ކޮންމެ ރެއަކު އެވަގުތު ތަކުގައި އަހަރެން ދަމުނަމާދު ކުރަންވެސް ފަށައިފީމެވެ. ހިތަށް ހަމަޖެހުން ދެއްވާތޯ ދުޢާކުރެވެނީއެވެ. ކުދިން ރައްކާތެރި ކުރައްވާތޯވެސް ދުޢާ ކުރެވެނީއެވެ.

“ޖީޒާ! އަހަރެން މުޅިން އެކަނިވެރި ވެއްޖެ. އަހަރެންނާ ދުރަށްތިދިޔައީ މާއަވަހަށް. ކުދިން މާދަމާ ނޫން ކަމެއްނޭނގެ މީހުންނާ އިނދެގެން ދާނީ…އޭރުން އަދި އަހަރެން މާއެކަނިވެރިވާނެ. ޔާﷲ މިއަޅާއަށް ކެތްތެރިކަން ދެއްވާންދޭވެ.”

ހިތުގައި އެޅިވޭނަކުން އަހަންނަށް މެޔާދިމާލުގައި ބާރަށް އަތްއަޅާ އޮބާލެވުނެވެ. ކައިރީގައި ހުރި ގޮނޑީގެ އަތްގަނޑުގައި އަނެއްއަތުން ހިފާލަމުން އެގޮނޑީގައި އިށީނީމެވެ.

“ލިވީ…” އަހަރެން ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އަދި އެއްފަހަރު އަޑަށް ބާރުލާފައި ލިވީއަށް ގޮވާލިތަނުން ދުވަމުން ކަހަލަ ގޮތަކަށް ގޭގައި ގެންގުޅޭ ލިވީއައިސް ވީގޮތެއް އޮޅުން ފިލުވިއެވެ.

” ބޭބެ! ބޭބެ ކިހިނެތް ވަނީ… މޭގަ ތަދުވަނީތަ..ތަދުވަނީދޯ! ….ބޭސްބޭނުންވަނީތަ…” އޭނާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. ވަގުތުން މޭޒުމަތީހުރި ފެންޖަގުން ތައްޓަކަށް ފެންއަޅާފައި އަހަރެންގެ ތުންފަތުގައި ޖައްސައި ދިނެވެ. ދެން އަހަރެން ހަމަ ޖެހޭނެ ގޮތަކަށް ބައިންދާފައި ލިވީ ދުއްވައިގަތީ ޔަލީނާ ކޮޓަރިއާއި ދިމާލަށެވެ.

“ޔަލީ…..ޔަލީ…ބައްޕަ ބަލީވަނީ..އަވަސް އަވަސް ދޮރު ހުޅޫ ވަނީ” ލިވީ ދިވެހި ބަހަށް އަދިވެސް ވަރަށް ނުފަރިތައެވެ. މިގޭކުދިންވެސް ލިވީއާ އިނގިރޭސިން ވާހަކަ ދައްކާތީ ލިވީއަށް ދިވެހިބަހުން ވާހަކަ ދައްކާން ފުރުސަތުވެސް އަމުދުން ނުލިބެނީއެވެ.

އަވަސް އަވަހަށް އަހަރެން އަމިއްލައަށް ހަމަ އަކަށް އެޅެން މަސައްކަތް ކުރީމެވެ. ޔަލީނާ އަންނަން ވާއިރަށް އިންތަނުން ތެދުވެ މޫނުމަތިން ހަމަ ޖެހޭގޮތް ދެއްކީމެވެ.

“ބައްޕާ..ކިހިނެތްވީ” ކޮޓަރިން ދުވެފައި ނިކުތް ޔަލީނާ ކަންބޮޑުވެފައި އަހާލިއެވެ.

“ބައްޕަ އަކަށް މާބޮޑު ކަމެއްނުވޭ! އަވީގަ އުޅުނީމަ މާބޮޑަށް ހޫނުވީ ކަންނޭނގެ!.”

“ލިވީ އަވަހަށް ލުނބޯހުތު ފަނިތައްޓެއް ހަދާދީބަލަ..އަވަސް އިނގޭ! ” ޔަލީނާ ބުނި އެއްޗެއް ނޭނގިފައި ލިވީ ހުއްޓެވެ.

“ލެމަން ޖޫސް! ” ތަންކޮޅެއްބާރަށް ޔަލީނާ ބުނެލިއެވެ. ހަމަ ވަގުތުން ލިވީ ލުބޯފަނިތަށި ހަދަން ދިޔައެވެ. ޔަލީނާ އަހަރެން އަތުގައި ހިފައިގެން އައިސް ކޮޓަރީގެ އެނދުގައި ބެއިންދިއެވެ. ގިނަ އިރެއްނުވެ ޔަސީރާއާއި ޔުޝްފާވެސް އަހަރެން ގާތަށް އައެވެ.

“ދަރިފުޅުމެން އެހާ ކަންބޮޑުނުވޭ! އިރާދަ ކުރެއްވިއްޔާ ބައްޕަގެ ހާލު ރަގަޅު. އެވާނީ ބައްޕަ މާބުރަކޮށް ފިހާރައިގެ ގުދަނުގައި އުޅުނީމަކަމަށް. ދެން އެކަން ނިންމާފަ އަދި ގޮސް ހުޅުމާލޭގަ އުޅެއުޅެފަ މިއައީ. ހެނދުނު ފެން ބުއި ފަހުން ފެންފޮދެއްވެސް ނުބޮއެ އުޅެވުނީ. އަދި ކިރިޔާ މިހަނދާންވީ.”  ހަމަ އެވަގުތު ލިވީ އައިސް ލުނބޯފަނިތަށި ދިއްކޮށްލިއެވެ. ލިވީގެ ފަހަތުން ޔާނިޔާ ވެސް އައިސް ވަނެވެ.

” ބައްޕާ! އަވަހަށް މި ބޯލާ. ދެން ބައްޕަ ނުދާތި ގުދަނަށް. ” އަހަރެންނަށް ފަނިތަށި ދިއްކޮށްލަމުން ޔުޝްފާ ބުނެލިއެވެ.

” ގުދަނުގަ އެބަހުރި މުއްދަތު ހަމަވާން ކައިރިވެފަ ހުރި އެއްޗެހި ތަކެއް. އާމިރު ގާތުގަ އެ ނަގާށޭ ބުނެ ބުނެ އެކަން ނުވީމަ ފިހާރައިގަ އުޅޭ ޕަރުވޭޒް އާއެކީ ގޮސް އެއެއްޗެހިތައް ނެގީ. އާމިރަށްވެސް އަސްލުނުވެފަ އެހެރީ.” އަހަރެން ބުނީމެވެ.

“ބައްޕާ. އަޅުގަނޑު ފިހާރައަށް ދެން އިތުރަށް މުދާ ނުގެންނަ ގޮތަށް ވިސްނައިފިން. މިހާރު ހުރި އެއްޗެހި ވިކި ހުސްވީމަ ދެން ތަން ބަންދުކުރަން މިއުޅެނީ. ” ޔަސީރާ އެބުނީ އޭނާގެ ފިހާރަ ބަންދުކުރާވަހަކަ އެވެ. ކީއްވެބާއޭ ހިތައްއަރާފައި އަހަންނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

” ޔަލީވެސް ބުނީ މިވަގުތަށް އަޅުގަނޑުމެންގެ އެހީ އެންމެ ބޭނުންވާމީހަކީ ބައްޕައޭ. އެވެސް ތެދެއްނުން. އަޅުގަނޑުމެން ވަކިވަކިން ކަންކަން ފެށުމަށް ވުރެ ބައްޕައަށް އެހީވުން މާމުހިއްމެއްނުން ދޯ ޔަލީ.” ޔަސީރާ ވާހަކަ ދައްކަމުން ގޮސް ޔަލީނާގެ އަތްތިލައަށް ފިތާލިތަން އަހަރެންދުށީމެވެ. ދެކުދިން ލޮލުން ކަމަކަށް އިޝާރާތެއްވެސް ކޮށްލިއެވެ.

“ދައްތަ ބޭނުމިއްޔާ ފަހުން ވެސް ކަމެއް ފެށިދާނެ. އެކަމަކު ތިހިރީ ބައްޕަ އުޅޭ ހާލު. ޔުޝްވެސް ދައްތަވެސް ޔަލީވެސް މިތިބީ ބައްޕައާއެކު އެހީވާން.”

“ދެން ޔާނި ކަމެއްނުކޮށްތަ ހުންނަންވީ” ޔަލީނާގެ ވާހަކަ ނުނިމެނިސް ޔާނިޔާ ފެށިއެވެ.

“ޔާނިކޮއްކޮ ފުރަތަމަ ކިޔަވަބަލަ. ރަގަޅު ރިސަލްޓެއް ގެނެސްބަލަ. އޭގެ ފަހުންނުން އަދި މަސައްކަތެއްގަ އުޅެވޭނީދޯ” ޔަސީރާ ޔާނިޔާގެ ބޮލުގައި ފިރުމާލާފައި ވާހަކަ ދެއްކިއެވެ.

” ބައްޕަ ވަރަށް އުފާވެއްޖެ. ..” އަހަރެން ބުނަން އުޅުނު އެއްޗެއް ރަގަޅަށް ފުރިހަމަ ނުކުރެވެނިސް ލޮލުން ކަރުނަ އައެވެ. އެކުދިންގެ ކިބައިން އެފެންނަނީ ޖީޒާގެ ތަރުބިއްޔަތު ގެ ފުރިހަމަ ކަމެވެ.

***

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.