
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަމަހުގެ 3 ވަނަ ދުވަހަށް އިތުރުކޮށްފި
ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަމަހުގެ 3 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށެވެ.
އެެހެންކަމުން މިދިޔަ މާރޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށެވެ. އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިދިޔަ މާރޗު މަހު އިޢުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.