ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔާތްކުރުމަށް ގްރީން ކްލައިމެޓް ފަންޑުން 25.1 މިލިއަން ޑޮލަރު ހިލޭ އެހީ!

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔާތްކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގޭ މަޝްރޫޢަކަށް 25.1 މިލިއަން ޔޫ.އެސް. ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤުވާމީ ފަންޑެއް ކަމަށްވާ ‘ގްރީން ކްލައިމެޓް ފަންޑު’ ގެ މިހާރު ކުރިއަށްދާ 29 ވަނަ ބޯޑު ޖަލްސާއިން މިއަދު ފާސްކޮށްފި އެވެ.

ޖީ.ސީ.އެފް. ގެ އިތުރުން ޖައިކާގެ ފަރާތުން މި މަޝްރޫޢަށް ވަނީ 35.4 މިލިއަން ޔޫ.އެސް ޑޮލަރުގެ ހިލޭއެހީ ހަމަޖެހިފައެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޝްތިހާރު Below Header ad

މިމަޝްރޫޢުގެ ދަށުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގަ އެވެ.

Beach 1

މިމަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ޙާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ.

މިގޮތުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ވަނީ ރޭވިފަ އެވެ.

މީގެ އިތުރުން ޤުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ޤާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މަޢުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް މި މަޝްރޫޢުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.