ޚަބަރު ފީތާ

ކުރު ވާހަކަ “ޔަލީނާ” (7)

ބޭނުންވީ ވީ އެންމެ އަވަހަކަށް ސިޔާދުގެ ލަފައެއް އަހާށެވެ. އެހެން ނަމަވެސް ކަންކަންކުރަން ވަގުތު ނަގާނެތާއެވެ. ސިޔާދު ހުރީ ހުޅުމާލޭގައި މަސައްކަތެއްކުރާށެވެ .

“އޭ! މަށަށްދީ ގަޑިއެއްހާއިރު… މަސައްކަތެއްގަ މިއުޅެނީ…ހަމަ މިހާރު މިހުއްޓާލީ އެކަމަކު މިހުރި ސިފައިގަ ނުކެރޭނެ ދާކަށް .. ގައިގަ މިއޮތީ ހުސް ސިމެންތި ފެންވަރާލައިގެން މިދަނީ އިނގޭ! ގަޑިއެއްގެ އިރުތެރޭގަ އަހަރެން ހުންނާނީ ތިގޭގަ. އޯކޭތަ”

އަހަރެން އެގޮތް އެންމެ ރަގަޅުކަމުގައި ބުނެފައި ފޯން ކަނޑާލީމެވެ.

***

އިރުގެ ގަދައަވި ނިވާލާ ހަވީރުގެ ހިޔަލުން މުޅިމާހައުލު އޮތީ ހިޔާއެެޅިފައެވެ. ވަށައިގެން ހައްދާފައި ހުރި ގަސްތައް ވެސް ދުވާލު ހަތަރުދަމުގެ ރަތްދަކަ ހޫނުން ސަލާމަތްވެ އިރުއޮއްސޭނެ އިރެއްގެ އިންތިޒާރުގައި ހުރި ކަހަލަ އެވެ. ގޭގެ ޓެރެސްގައި ބަހައްޓާފައި ހުރި އުނދޯލީގައި އަހަރެން އިށީދެ ލައިގެން އިންއިރު ސިޔާދު އިނީ ޖޯލީގައެވެ. ކައިރީގައި ހުރި ދަގަނޑު މޭޒުގައި ބަހައްޓާފައި ހުރި ދެޖޯޑު ކަޅުކޮފީން ދުވާމީރުވަހާއި ހުވަނދުމާ ގަހުގެ މީރުވަސް އެކުވުމުން ހިތަށާ ސިކުނޑިއަށް ހިސާބެއްގެ ލުއެއްލިބިއްޖެއެވެ. ސިޔާދު ލަފާދެމުން ދިޔައީ ޔުޝްފާ ގޮވައިގެން ބޭރު ޤައުމަކަށް ގޮސްލުމަށެވެ. ދުވަސްކޮޅަކު މާލޭގެ މާހައުލާ ދުރުގައި ބަހައްޓާލާށެވެ. ކަންކަމުގައި އަހަރެން ލަފާއަހާ ހަމަ އެކަނި މީހަކަށް ސިޔާދު ނުވިއެއް ކަމަކު، ސިޔާދުގެ ލަފައަކީ އަހަރެންނަށް ބަލައިގަންނަން ފަސޭހަ ބުއްދި ޤަބޫލުކުރާ އަދި އަހަންނަށް ހެޔޮއެދޭ މީހަކު ދޭ ނަސޭހަތެއްކަމަށް އަބަދުވެސް އަހަރެން ޤަބޫލުކުރަމެވެ.

“އަހަރެން ކިހިނެތް އޭނަ ގޮވައިގެން ބޭރުގަ އުޅޭނީ. ފިހާރަ ކަންކަމުގަ އަދިވެސް އަހަރެން މިއުޅެނީ. އަހަންނަށް އެއުޅޭ އާމިރަަށްވެސް އިތުބާރުކުރަން އެހާ އުނދަގޫ. ކޮންމެ ރެއަކުވެސް ބަންދުކުރާ ގަޑީގަ މައެބަ ދާންޖެހޭ ފައިސާ ކަންތައް ރަގަޅަށްތޯދަނީ ބަލަން. އަނެއްދުވަހު އޭނައަށް ގުޅާފަ އަހަންޖެހޭ އެރޭގެ ފައިސާ ޖަމާކުރަން ބޭންކަށް ދިޔައިންތޯ. އަނގައިން އަގަޔަށް އަޅައިދީގެން އޭނަލައްވާ ކަސްޓަމަރަކާ ވާހަކަ ދައްކުވަންމިޖެހެނީ.”

ބޯހާސްވީ ވަރުން އަހަންނަށް ބޮލުގެ ފުއްކިބައިގައި އަތްކާއްތާލެވުނެވެ.

“އާމިރަކީ ވަރަށް ކަންފަސޭހަމީހެކޭ ކުރިންވެސް އަހަރެންބުނީމެއްނުން ސިދްޤީގާތު. ދެފިހާރަވެސް އޭނަތަ އެބަލަހައްޓަނީ.”

“ނޫން. އެކޮޅު ފިހާރަ ތޯރިޤް އަދިވެސް އެބަލަހައްޓަނީ. އޭނަވަރު މީހެއް ނުލިބޭނެ . އެކޮޅު ގެސްޓް ހައުސްގެ ކަންތައް ތައްވެސް ގިނަފަހަރު ހަމަ ތޯރިޤް ބަލާދޭނީ. މިކަންތައް ގަނޑުގަވެސް އެއްގޮތަކަށްވެސް އެކޮޅަށް ނުދެވޭ. ގޭންވެސް ނުނިކުންނަމޭ ބުނަން ޖެހޭނީ. އެކަމަކު ބަރާބަރަށް ދުވަހުން ދުވަހަށް ވާނުވާ އަންގާނެ. މިހާރު އެބަ ކިޔާ އުޅޭށޭ ރެސްޓޯރެންޓެއް ހުޅުވަން. އަހަރެން ބުނިން މަށަކަށް ނުވާނެޔޭ މިދަނޑިވަޅަކު” އެއްޖޯޑް ކޮފީނަގާފައި ސިޔާދަށް ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ދެން ހުރި ޖޯޑު ނަގާ އަހަރެންގެ ދެއަތުގެ ތެރޭގައި ހިފަހައްޓާލީމެވެ. ދެއަތުގެ ތެރެއަށް ކޮފީޖޯޑުގެ ހުރި ހޫނުކަން އިހްސާސްވެގެން ދިޔައެވެ. ފުންނޭވާއެއްބޭރުކޮށްލާފައި އިންދިމާލުން އުޑަށް ނަޒަރު ސީދާކޮށްލެވުނެވެ. ވަށައިގެން ފެންނަނީ އިރުއޮއްސި އަނދިރިކަން ވެރިވަމުން ދާތަނެވެ. އަހަރެންގެ ހަޔާތުގައިވެސް މިކަހަލަ ކިތައް އަނދިރިކަން ވަށާލިހެއްޔެވެ. އެކަމަކު އެކަމަކުން އަރައިގަންނަނީ މާދަމާއަށް ވެސް އިރުއަރާ ބިމަށް އަލިކުރާނެ ކަމުގެ އުއްމީދު އޮންނަ ފަދައިންނެވެ. މީ ދުނިޔެއޭ! އެކި މީހުން އިމްތިޙާންކުރައްވަނީ އެކިގޮތަށެވެ.

“އަޅެ ހަފްތާއަކަށް ނަމަވެސް ގޮސްލަބަލަ. ތަފާތެއް އަންނާނެއޭ އަހަރެން ބުނާނީ. އެހެންނޫނީ މިހެން ހަދާބަލަ، ޔަސީރާ އެދަނީނުން މަހަކު އެއްފަހަރު. އެމަންޖެއާއެކީ ފޮނުވަންވީނުން. އެކޮޅަށް ގޮސް އެކަމުގަ ޔަސީރާއާއެކު ބިޒީކޮށް އުޅެލީމަވެސް ފަރެއްގަ މާލެ މަތިން ހަދާން ނެތިދާނެ. އަނެއްކޮޅުން ސިދްޤީ ނުދިޔަސް އެކޮޅުގަ ޑޭވިޑްވެސް އެބަހުއްޓެއްނުން.” އެއީވެސް މުޅިއަކުން ދޮގެއްނޫނެވެ. އެގޮތާ އަހަރެން އެއްބަސްވީމެވެ.

“އާނ ތިހެން ހެދިދާނެ. މާދަން ޑޭވިޑްއާ ވާހަކަ ދައްކާލާނަން. ”

***

އަނެއްދުވަހު އަހަރެން ޑޭވިޑްއަށް ގުޅާފައި ވެގެން އުޅޭގޮތް ކުރުކޮށް ކިޔާދިނީމެވެ. އަދި ޑޭވިޑްގެ އެހީ އަހަރެން މިކަމުގައި ވަރަށް ބޭނުންވާ ވާހަކަވެސް ބުނީމެވެ. ޑޭވިޑް ހުރީ އެހީވާންތައްޔާރަށެވެ. އޭގެ ތިންދުވަސް ފަހުން ޔާނިޔާ ނޫން އެހެން ކުދިން ބެންކޮކަށް ދާންފުރިއެވެ. އެކުދިންނަށް ހޮޓެލަށް ދެވި ހަމަޖެހިލެވުމުން ޔަލީނާ އަހަންނަށް ގުޅިއެވެ.

“ބައްޕާ. ޑޭވިޑްބުނީ ހަވީރުން ވާނެޔޯ ތަންތަން ބަލާލަންދާން. ޔުޝްކޮއްކޮވެސް އޯކޭ އެގޮތާ، މިހާރު ހަމަޔަކަށް އެޅޭ އެބަ” ޔަލީނާ އަހަންނަށް ކިޔާދެމުން ދިޔައެވެ. ” މާދަން ދައްތަ ފިހާރަޔަށް ބޭނުންވާ އެއްޗެހި ނަގަންދާއިރު އަޅުގަނޑާ ޔުޝްއާ މިވިސްނަނީ މިތާކައިރި ޝޮޕިން މޯލްއަކަށް ގޮސްލަން. ދެކުދިން އެކަނިދާނީ އިނގޭ!  ދާހާ ތާކަށް ޑޭވިޑް ގެންދާކަށް އެހާބޭނުމެއްނޫން” ކުޑަކޮށް ފޫހިރާގެއްގައި ޔަލީނާ ބުނެލިއެވެ.

“ދަރިފުޅަށް އެކަނި އުޅެން އެނގޭނެތަ. ތިޔަބުނަނީ ކޮންމޯލްއެއްގެވާހަކައެއް” އަހަރެން އަހާލީމެވެ.

ޑޭވިޑް ނުލާ އެކުދިން ތަންތަނަށް ގޮސްހެދުން އެއީ އަހަރެން އެހާ ރުހޭކަމެއްކަމަކަށް ނުވިޔަސް ޔަލީނާ ބުނީތީ އެކަމާ ދެކޮޅުހަދާހާ ހިތްވަރު ނެތީއެވެ. ޑޭވިޑްއަކީ ދަރިއަކު ހުރިމީހެއްނޫނެވެ. އޭނާ އަހަރެން ގެ ކުދިންދެކެ އިންތިހާއަށް ލޯބިވެއެވެ. މުސްލިމެއްނޫނެއް ކަމަކު އެނާއަކީ އިތުބާރުކުރެވޭ އަހަރުމެންނަށް އޭނާގެ ގޮތް އެނގޭ މީހެކެވެ.

” އެމް.ބީ.ކޭ އަށް ދާނީ. އޯކޭނުން. އެހާ ދުރެއްނޫނެއްނުން. ”

“އާނ އޯކޭ. ދެން ދަރިފުޅު ރެސްޓްކޮށްލާ އިނގޭ!” ބައްޕައަށް ފޯނެއްވެސް އެބައާދޭ. ބައްޕަ ފަހުން ޔުޝްކޮއްކޮއާ ދައްތައާ ދެކުދިންނާ ވާހަކާ ދައްކާނަން އިނގޭ”

ޔަލީނާގެ އަޑުގައި ޑޭވިޑްއާއިމެދު ހުރި ނުރުހުން އަހަނަށް ފާހަގަ ވިޔަސް އެކަން އެހާ ބޮޑުކަމަކަށް އޭރަކު ނުވިއެވެ. ކުދި ކުދި ކަންކަމަށް ފަރުވާތެރިކަން ނުބެހެއްޓުން މީ އަހަރުމެންނަށް ކުރެވޭ ހާދަ ދެރަކަމެކެވެ. އެކަން ކަން ބޮޑެތި ކަން ކަމަށް ބަދަލުވެގެން ދަނީ ހީނުކުރާ ފަދަ ބޮޑުކަމެއްގެ ގޮތުގައެވެ. އަހަރެންނަށް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. ކަރުބުޑުގައި ހިތިރަހަ ލައްވާލީ ދުވަހަކުވެސް ހީނުކުރާފަދަ ގޮތަކަށެވެ.

Like
Like Love Haha Wow Sad Angry
2
%d bloggers like this: