
ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރަން އަހުލުވެރި ކުރުވުމަށް ސައިބަރ ސޭފްޓީ ކެމްޕޭން ލޯންޗުކޮށްފި
ކިޔެވުމާއި މުނިފޫހި ފިލުވުމުގައި ދަރިވަރުން އިންޓަރނެޓް ބޭނުންކުރާއިރު ރައްކާތެރި ގޮތުގައި ބޭނުން ކުރަން ދަސްކޮށްދީ ހޭލުންތެރި ކުރުމުގެ ގޮތުން ’ސައިބަރ ސޭފްޓީ’ގެ ނަމުގައި ކެމްޕޭނެއް ލޯންޗު ކޮށްފި އެވެ.
މި ކެމްޕޭނަކީ މިނިސްޓްރީ އޮފް އޭޑިޔުކޭޝަން، ޔުނިސެފް މޯލްޑިވްސް އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ގުޅިގެން ހިންގާ ކެމްޕޭނެކެވެ.
މީގެ މަގުސަދަކީ ދަރިވަރުންނާއި، އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދިނުމަށް ޖެހިފައިވާ މިދުވަސްވަރު، ބެލެނިވެރިންނާއި ޓީޗަރުން، އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވެދާނެ ކަންތައްތަކާއި މެދު އަހުލުވެރި ކުރުވުމާއި، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމުގެ މަޢުލޫމާތު ދިނުމެވެ.
މިކެމްޕޭނުގެ ދަށުން އެނިމޭޓެޑް ވީޑިއޯ، ޕޯސްޓަރު އަދި ޗެޓްބޮޓް މެދުވެރިކޮށް، ރައްކާތެރިކަމާއެކު، އިންޓަރނެޓް ބޭނުންކުރުމުގެ އެކި އެކި މަޢުޟޫތަކަށް މަޢުލޫމާތު ދެވޭނެ އެވެ.
މި ކެމްޕެއިންގައި އޮންލައިކޮށް ހިއްސާ ކުރާ އަމިއްލަ އަދި ސިއްރު މަޢުލޫމާތަކީ ކޮބައި ކަމާއި މިފަދަ މަޢުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ރައްކާތެރިވާންވީ ގޮތުގެ މައްޗަށް މަޢުލޫމާތު ދެވޭނެ އެވެ. އަދި ދަރިވަރުން އޮންލައިކޮށް އުޅުމުގައި ހަނދާން ބަހައްޓަންވީ މުހިއްމު ކަންކަމާއި، ބެހޭ ގޮތުން މަޢުލޫމާތު ދެވޭނެ އެވެ.
މި ކެމްޕެއިންގައި ބޭނުންކުރާ ޕޯސްޓަރު މެދުވެރިކޮށް:
- ސިއްރު އަދި އަމިއްލަ މަޢުލޫމާތަކި ކޮބާ ކަމާއި، އޮންލައިކޮށް އުޅޭއިރު މިފަދަ މަޢުލޫމާތު ހިއްސާކުރުމުގައި ސަމާލުވުމާއި ބެހޭގޮތުން
- އޮންލައިން ކޮށް ކިޔަވާދިނުމުގައި ޓީޗަރުން ސަމާލުކަންދޭންޖެހޭ މުހިއްމު ސެކިޔުރިޓީއާއި ގުޅޭ މަޢުލޫމާތު
- ދަރިވަރުން އޮންލައިންކޮށް ކިޔަވާ އިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިއްމު ޕޮއިންޓްތައް
- ބޭނުންކުރާ ކޮމްޕިޔުޓަރާއި މޯބައިލް ޑިވައިސްތަކާއި އޮންލައިން އެކައުންޓްތައް ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު (އިގިރޭސި)
- ބޭނުންކުރާ ކޮމްޕިޔުޓަރާއި މޯބައިލް ޑިވައިސްތަކާއި އޮންލައިން އެކައުންޓްތައް ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު (ބެލެނިވެރިންނަށް އަމާޒުކޮށް ދިވެހިން)
- އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ރައްކާތެރިކަމާބެހޭ މަޢުލޫމާތު (އިގިރޭސި)
- އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ރައްކާތެރިކަމާބެހޭ މަޢުލޫމާތު (ބެލެނިވެރިންނަށް އަމާޒުކޮށް ދިވެހިން)
ހިއްސާ ކުރެވޭނެ އެވެ.
އޮންލައިންކޮށް އުޅުމުގައި ދިމާވާ ގަނާކުރުމާއި ގްރޫމިންގ ފަދަ ބޮޑެތި މަޢުޟޫތަކަށް ވީޑިއޯ އަދި ޕޯސްޓަރު ރިލީޒްކުރުމަށް މި ކެމްޕެއިންގައިވަނީ ކުރިއަށް ރޭވިފަ އެވެ.
މި ތަޢާރަފްކުރެވުނު ޗެޓްބޮޓަކީ އެކިއެކި މަޢުޟޫތަކަށް މަޢުލޫމާތު ދޭގޮތަށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެކެވެ. ސައިބަރ ސްމާޓް ޗެޓްބޮޓުގައި މަޢުލޫމާތު ދޭނީ ސައިބަރ ސެކިޔުރިޓީ އާއި ގުލޭ މަޢުޟޫތަކަށެވެ.
ރިލީޒް ކުރެވޭ އިރު މީގައި ކެމްޕޭނުގައި އަލިއަޅުވާލާ މަޢުޟޫތަކުން ބައެއް ކުއިޒްތަކާއި މަޢުލޫމާތު އާޓިކަލް ހިމެނޭނެ އެވެ. ކުރިއަށް އޮތްތަނުގައި މީގައި ހިމެނޭ މަޢުލޫމާތުތައް ދާނީ އަޕްޑޭޓްކުރެވެމުން ނެވެ.
މީގެ އިތުރުން މި ކެޕްމޭނުގައި ތައްޔާރުކުރެވޭ ހުރިހާ ކޮންޓެންޓެއް އެއްތަނަކުން ފެންނާނޭހެން ޖަމާކޮށް ސައިބަރ ސްމާޓްގެ ނަމުގައި ވެބްސައިޓެއް ވެސް ތައްޔާރުކޮށް އާންމުންނަށް ހުޅުވާލެވޭނެ އެވެ.
MoE in collaboration with @UNICEFMaldives & @womenintechmv has launched a cyber safety campaign "Cyber Smart" aimed to mitigate the potential harm to children when online learning/entertainment. the initiative is targeted at all school-going children, parents & teachers. pic.twitter.com/fJ9LyGnRh9
— Ministry of Education (@MoEdumv) June 30, 2021